ރެސިޑެންޓް ވިސާ ދޫކުރަން ފެށުމަކީ ގައުމަށް ގައްދާރުވުމުގެ މަގްސަދެއް ހާސިލްކުރުމުގެ ކޮޅުމަތި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ޝިޔާމް ވިދާޅުވީ، މީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެންމެ 250،000 ރުފިޔާ އިންވެސްޓް ކުރާ ބަޔަކަށް ކޯޕަރޭޓް ވިސާ ދޫކުރަން ފެށުމަކީ ގައުމަށް ގައްދަރުވެ ނުބައި ދުރު އަމާޒެއްގެ މަގްސަދެއް ހާސިލްކުރުމުގެ ކޮޅުމަތި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 52 މެންބަރުންގެ ވޯޓުންނެވެ. އަދި މި އިސްލާހު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާ އިރު ވަކި ކޮޅަކަށް ވީޓު ނުދެއްވާ ތިން މެންބަރުން ތިއްބެވިއެވެ.

މި އިސްލާހުގައި ބިދޭސީންނަށް ރާއްޖޭގައި ހުރެވޭނެ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނީ މަދުވެގެން 250،000 ރުފިޔާ އިންވެސްޓް ކުރުމާއެކު ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިގެންނެވެ. އެގޮތުން ބިދޭސީން އިންވެސްޓް ކުރަންވާނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށެވެ. މީގެ އިތުރުން އެފަދަ ބިދޭސީންނަށް ދޫކުރާ ކޯޕަރޭޓް ރެސިޑެންޓް ވިސާ ފުރަތަމަ ހުށަހަލާއިރު ފުރަތަމަ އަހަރަށް ފަހު އާ ކުރަންޖެހއެވެ. އޭގެ ފަހުން ކޮންމެ ފަސް އަހަރަކުން ވިސާ އާ ކުރަން ޖެހެއެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ބިދޭސީންނަށެވެ.