އދގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވުމަށް އިންޑިއާއިން އެހީވަން ނިންމައިފިއެވެ.

ޕޮރިން މިނިސްޓްރީން ބުނީ މިނިސްޓާ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް މިނިސްޓަރު ޝާހިދު ހޮވުމަށް އިންޑިއާއިން އެހީވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވަނީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުމާ ބެހޭ ގޮތުން މިނިސްޓާ ޝާހިދާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަރަށް އަވަހަށް ފޯރުކޮށްދެއްވާފައިވާތީ، އެކަމަށް މިނިސްޓާ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާނެއެވެ. މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.