ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އާ ސްޓްރެއިންއެއް، ޑެންމާކްގެ މިންކްތަކުން ފެންނަމުން ދާ ކަމީ، ކަންބޮޑުވާ ކަމެއް ކަމަށާ، ނަމަވެސް މި ސްޓްރެއިންއަކީ މާ ނުރައްކާ ސްޓްރެއިންއެއް ތޯ ބެލުމަށް އިތުރު ދިރާސާތަކެއް ހަދަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިންސާނުންގެ ހަށިގަނޑުން ޖަނަވާރުންގެ ހަށިގަނޑަށް، އަދި އަލުން އަނބުރާ ޖަނަވާރުންގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ވައިރަސް ދައުރުވާއިރު އެ ވައިރަހަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ. ޑެންމާކުން ލިބެމުންދާ ރިޕޯޓްތަކާ މެދު ކަންބޮޑުވާން ޖެހެނީ އެ ސަބަބުތަކާ ހެދި ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ. ޑެންމާކުގެ މިންކް ފާމްތަކާ ގުޅުން ހުރި 214 ކޭހެއް، މިއަހަރުގެ ޖޫން މަހުން ފަށައިގެން މިހާތަނަށް ފާހަގަ ކުރެވިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިންކް ރަމްޒްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ހަކާއި މެގަޒިން

ވައިރަހަށް ބަދަލު އައިސް، ބާރުގަދަ ވަމުން ދިއުމަކީ، ވެކްސިނާއި ފަރުވާއެއް ތަރައްގީ ކުރަމުންދާ މަސައްކަތަށް އެޅޭ ބޮޑު ހުރަހެކެވެ.

މިންކްއަކީ އެއްގަމާއި ފެނުގައިވެސް ދިރިއުޅޭ، މަންމަލި ޖަނަވާރެކެވެ. މިންކްގެ މައިގަނޑު 2 ބާވަތެއް އުޅެއެވެ. އެއީ އެމެރިކަން މިންކް އަދި ވިލާތު މިންކްއެވެ. ޑަބްލިއުއެޗްއޯއިން ވަނީ މިންކް ފާމްތައް ހިމެނޭ ސަރަހައްދުގައި ސާވޭލަންސް ވަރުގަދަކޮށް، ބައޮސެކިއުރިޓީ ވަރުގަދަ ކުރުމަށް ގޮވާލާފައެވެ.