2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އެސްޑީއެފްސީއަށް 400 މިލިއަން ރުފިޔާ ދޭން ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން މި މައުލޫމާތު ހާމަ ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޭނާ ވިދާޅުވީ އިގްތިސޯދު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓާ ކަމަށެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަމަށެވެ.

މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މާދަމާގެ ބޮޑެތި ވިޔަފާރިތައް. ހަރަކާތްތެރި ޕްރައިވެޓް ސެކްޓަރ އެއް އުފެއްދުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް އުފެދި މި ވިޔަފާރިތައް ފުޅާވާންޖެހޭ.
މިނިސްޓަރު އަމީރު

2021 ވަނަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް އުފެދި ތަރައްގީ ކުރުމަށް ވަނީ އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރަމުން ދިއުމަށް ނިންމާފައެވެ. އެގޮތުން އެސްޑީއެފްސީއަށް ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2021ގެ ބަޖެޓުން ދޫކުރަން ނިންމާފައިވާއިރު، އެސްއެމްއީ ގާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ކޮވިޑް-19 ރިލީފް ލޯނު ފޯރުކޮށްދިނުމުގައި ވެސް އެސްޑީއެފްސީން ވަނީ މުހިންމު ރޯލެއް ކުޅެދީފައި ކަމަށެވެ. އެގޮތުން އެސްޑީއެފްސީން ވަނީ 547 ވިޔަފާރީ ތަރައްގީ ކުރުމަށް 708 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ކޮވިޑް-19ގެ ރިލީފް ލޯނުގެ ގޮތުގައި 2,100 އެއްހާ ވިޔަފާރިއަށް 364 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މިހާތަނަށް އައިރު ކޮވިޑަށް ވަނީ 1.3 ބިލިއަން ރުފިޔާއާ ގާތަށް ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވި ދަތި ހާލަތަށް އެޑްރެސްކުރުމުގެ ގޮތުން ތައާރްފްކރި އިކޮނޮމިކް ރިލީފް ޕެކޭޖް ހިމެނެއެވެ. މި ޕެކޭޖުގެ ދަށުން ޔަފާރިތަކަށް ރިލީފް ލޯނުތައް އެސްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީ ވަނީ ދީފައެވެ.

މީގެ އިތުރުން ވަޒީފާ ގެއްލުނު ފަރާތްތަކަށާއި އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސީދާ ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އޮކްޓޫބަރު 29ގެ ނިޔަލަށް 10,538 ފަރާތަކަށް 116.1 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އަދި އިގްތިސާދުގެ ކޮންޒަމްޕްޝަން އިތުރުކޮށް، އިގްތިސާދު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް، ގޭބިސީތަކަށް ކަރަންޓު ބިލާއި ފެންބިލުން ޑިސްކައުންޓްދީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.