ކޮވިޑް ޖެހިގެން 60 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު އޭގެ ތެރެއިން 3 މީހަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުން ކަަމަށް ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، 60 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން 3 މީހަކު ތިބީ އައިސީޔޫގައި ކަމަށް އެނާ ވިދާޅުވިއެވެ.

ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ތަފްސީލް ހާމަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި ކަމަށާއި އަދި އެމީހާއަށް ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށެވެ. ހަމައެއާއެކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 44 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި 3 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި ހުންނަ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި 6 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި ލ. ގަން ކޮވިޑް ފެސިލިޓީގައި 6 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަޒްލާ ވިދާޅުވީ 60 މީހަކަށް ހޮސްޕިޓަލާއި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ އިރު މި ވަގުތު ވެންޓިލޭޓަރުގައި އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށެވެ.

މި ވަގުތު ރާއްޖޭގައި ޖުމްލަ 60 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ތިބީ 847 މީހުންނެވެ.