މާލޭ ސަރަހައްދުގައި ކޮވިޑް ބައްޔަށް މީޙުން ހުށަހެޅިފައިވާ މިންވަރާއި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ ސީރޯޕްރިވެލަންސް ސާވޭ ހެދުމަށް އަތޮޅު ތެރޭގައި ތިބި މީހުންނަށް ފޮނުވުނު މެސެޖަކީ ބާތިލް މެސެޖެއް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސީރޯޕްރިވެލަންސް ސްޓަޑީ މިވަގުތު ކުރިއަށްގެން ދަނީ މާލެ ސަރަހައްދުގައި ކަމަށާ އެގޮތުން އަތޮަޅު ތެރޭގައި ތިބި މީހުންނަށް މިކަމާ ގުޅިގެން ލިބުނު އެސްއެމްއެސް އަކީ ބާތިލު އެއްޗެއް ކަމަށެވެ. އަދި މިކަމަށް މާފަށް އެދޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އެ ސާވޭ ހިންގުމަށް ސާމްޕަލް ނަގާނީ އެ ސާވޭއަށް ހޮވުނު ކަމަށް ކުރިން އެންގިފައިވާ މީހުންގެ އެކަނި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މިހާރު މި ސާވޭ ކުރިއަށް ގެންދިއުމަށް އިތުރަށް ބޭނުންވަނީ 200 ސާމްޕަލް ކަމަށާއި އެސްއެމްއެސް ލިބިފައިވާ މީހުން މި މަހުގެ 12 ގެ ކުރިން ސާމްޕަލް ދިނުމަށް އެކަމަށް ހާއްސަކުރެވިފައިވާ ސްޓޭޝަންތަކަށް ދިއުމަށް އެޗްޕީއޭއިން ބުނެއެވެ.

މި ޓެސްޓު ކުރުމަށް މާލޭ ސަރަހައްދުގެ ބައެއް ތަންތަނުގައި ސްޓޭޝަންތަކެއް ބެހެއްޓިފައި ހުންނާނެއެވެ. އެގޮތުން މާލޭގައި ސްޓޭޝަންތައް ގާއިމް ކޮށްފައި ހުންނާނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ގައެވެ. ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލްގައި ސްޓޭޝަން ހުންނައިރު ވިލިމަލޭގައި ސްޓޭޝަން ހުންނާނީ ވިލިމީލެ ހޮސްޕިޓަލް ގައެވެ. މީގެ އިތުރުން ބަލިހާލު ހުރިގޮތުން ޓެސްޓް ކުރާތަނަށް ނުދެވޭ ހާލަތެއްގައި ހުރި މީހެއް ނަމަ، އެމީހެއްގެ ގެއަށް ގޮސް ސާމްޕަލް ނަގައި ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް19 ސީރޯސާވޭލަންސް ދިރާސާ ބޭނުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑް ވައިރަސްއަށް ހުށައެޅިފައިވާ މިންވަރު ބަލައި، މާލޭ ސަރަހައްދުގައި މި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ކުރެވޭ ދިރާސާއެކެވެ. މި ދިރާސާއަށް މީހުން ހޮވާފައި ވަނީ މާލޭ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ 4098 ބައިވެރިންނެވެ. އަދި ދިރާސާއަށް ބައިވެރިން ގުރުއަތުން ހޮވާފައި ވަނީ އެކި އުމުރު ފުރާތަކުންނެވެ.

އެގޮތުން އުމުރު ފުރާތައް ބަހާލާފައި ވަނީ 4 ބަޔަކަށެވެ. އެންމެ ހަގު އުމުރު ފުރާއަކަށް ބަލަނީ އުމުރުން 17 އަހަރުން ދަށުގެ ބައެވެ. އެ ބައިން 936 ބައިވެރިންގެ ގހޮވުމަށް ހަމަޖެހިފައެވެ. ދެން ހިމެނެނީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމދުގެ ބައެވެ. އެ ބައިން 1730 ބައިވެރިން ހޮވައެވެ. އެއަށްފަހު އުމުރުން 35 އަހަރާއި 59 އަހަރާ ދެމެދުގެ ބައިން 1232 މީހުން ހޮވައެވެ. އެންމެ ފަހު އުމުރުފުރާ އަކީ 60 އަހަރުން މަތީގެ އުމުރު ފުރައެވެ. އެ ބައިން 200 މީހުން ހޮވައެވެ.

މިހާރު މި ސާވޭގައި ސްކޫލްތަކުގައި ތިބި ދަރިވަރިންގެ ބައިން ހަދަންޖެހޭ ޓެސްޓުތައް ހަދާ ނިމިފައިވާ ކަަމށް އެޗްީއޭއިން ވަނީ ބުނެފައެވެ. މިހާރު ކުރިއަށް ދަނީ ބޮޑެތި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ 3 މިލިލީޓަރުގެ ލޭ ނަގައިގެންނެވެ. ލޭ ނަގާނީ މިކަމަށް ތަމްރީނު ލިބިފައިވާ ސިއްހީ ދާއިރާގެ މީހުންނެވެ. އަދި ލޭ ނެގުމުގައި ހުރިހާ ކަމެއް ބަހައްޓާނީ ޑަބްލިޔު.އެޗް.އޯގެ ސަލާމަތީ މިންގަޑާއި އެއްގޮތަށެވެ.

ސާވޭއިން އެދެވޭ ނަތީޖާއެއް ނެރުމަށް ވަކި އަދަދަކަށް ސާމްޕަލް ނަގަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސާމްޕަލް ނެގުމަށް ރެންޑަމްކޮށް ނެގިފައިވާ މީހުން އަންގާފައި އޮންނަ ގަޑިއަށް ސާމްޕަލް ނަގާ މަރުކަޒަކަށް ދިއުމަށް ވެސް ޑރ.ނަޒްލާ ވަނީނ އެދިވަޑައިގެންފައެވެ.