އަންނަ އަހަރު ބާއްވަން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލް އިންތިހާބާ ބައްދަލު ކުރާ އިރު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް ކަަމަށާއި ތަފާތު ކުރުން އިންތިހާއަށް ގެންގުޅޭ ކަމަށެވެ.

އެގޮތުން ފާހަގަ ކުރައްވައިފައި ވަނީ އެމްޑީޕީއަށް ކެމްޕޭން ކުރެވޭ ކަމަށާއި ނަމަވެސް އިދިކޮޅުން ތިބީ ރަށު ބަންދުގައި ކަމަށެވެ. އެހެން ކަމުން ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަސްކުރެވިފައިވާ އިންތިހާބު އަންނަ މާޗު މަހުގެ ކުރީކޮޅު ބޭއްވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާ ފަރާތްތައް އަޕްޑޭޓް ކުރުމާއި ނަން އަނބުރާ ގެންދެވޭނެ މުއްދަތެއް ކަނޑައެޅުމާއި ރީރަޖިސްޓްރީގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބަށް 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތި ލިއެވެ. ނަމަވެސް އޭގެ ތެރެއިން 71 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތާވަލު ކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަނަހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައި ވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.