ޕާކުތަކާއި މައިޒާންތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ހުޅުވައިލާން ނިންމައިފިއެވެ.

އެޗްޕީއޭން ބުނީ މިއަދުން ފެށިގެން ޕާކުތަކާއި މައިޒާންތަކާއި ދާރުލްއާސާރުތައް ފަދަ އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލަން ނިންމާލާފައިވާ ކަމަށާއި އެ ތަންތަން އާންމުންނަށް ހުޅުވައިލާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

ޕާކްތަކާއި މައިޒާންތައް ހުޅުވާލަން ނިންމާފައި ވާއިރު، މިއަދުން ފެށިގެން ވަނީ ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރިތަކަށްވެސް ހުއްދަ ދީފައެވެ.

އޭގެ އިތުރުން ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.

އަދި އެއްވެސް ވަގުތެއްގައި 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން މަނާވާނެ ކަމަށެވެ. މާލެ، ހުޅުމާލެ، ވިލިމާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނު ކުރުމާއި މާސްކު އެޅުން އަދިވެސް މަޖުބޫރެވެ.