އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަންއަށް ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން މަރުހަބާ ކިޔައިފިއެވެ.
އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބު، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުމެ ހުންނެވި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ ޕާޓީ، އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން ވަނީ މަރުހަބާ ކިޔައިފިއެވެ.
އެގޮތުން ޕީޕީއެމްގެ ފަރާތުން އެ ކޯލިޝަންގެ ޕީއެންސީ ޕާޓީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި ބައިޑަން އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އޭނާގެ ރަނިންގް މޭޓް އަދި ކުރީގެ ސެނެޓަރު ކަމަލާ ހެރިސް އަށްވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.
ހަމައެއާއެކު ޖޭޕީގެ ފަރާތުންވެސް ބައިޑެންއާއި އޭނާގެ ރަނިންގް މޭޓަށް ވަނީ މަރުހަބާ ދަންނަވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއިން އަރައިގަތުމަށް، އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރެއްވި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއާއެކުގައި މަސައްކަތް ކުރެއްވުމުގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ހަމަޖެހިފައި އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓު ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށް، ކުރިއަށް އޮތް ހަތަރު ދުވަހުގެ ވެރިކަން ކަށަވަރުވެއެވެ. އެގޮތުން ބައިޑަން މިހާރު ވަނީ އިލެކްޓޯރަލް ކޮލެޖުން 273 ވޯޓު ކަށަވަރު ކުރައްވާފައެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ނިކުންނެވި ޓްރަމްޕަށް ކާމިޔާބު ކުރެއްވުނީ 213 ވޯޓެވެ. އިލެކްޓޯރަލް ވޯޓަކީ ވަކިވަކި ސްޓޭޓްތަކުގެ އާބާދީގެ ނިސްބަތުން އެ ސްޓޭޓްތަކަށް ދީފައިވާ ވޯޓުތަކެކެވެ.
ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު، ބައިޑަން ކަށަވަރު ކުރެއްވުމާއެކު އޭނާގެ ރަނިންގް މޭޓް އަދި ކުރީގެ ސެނެޓަރު ކަމަލާ ހެރިސް ވެގެންދާނީ އެމެރިކާގެ ތާރީހު ދުށް ފުރަތަމަ، ކަޅު ނަސްލުގެ އަންހެން ނައިބު ރައީސާއަށެވެ.