ކ. ހުރާއިން ފަތުރުވެރިއަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ފަތުރުވެރިޔާ ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ ގެސްޓްހައުސް އުސޫލު ބުނާ ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ކަމަށެވެ.

އަދި އެ ރަށުން ރެންޑަމް ސާމްޕަލް ނަގަން ހަމަޖެހިފައިވާ ކަމަށްވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ރެންޑަމް ސާމްޕަލް ނަގަން ހަމަޖެއްސީ އެ ޕޮޒިޓިވްވި ފަތުރުވެރިޔާ އެ ރަށުގެ ގިނަ ފިހާރަތަކާއި ރެސްޓޯރަންޓްތަކަށް ވެސް ގޮސްފައި ވާތީއެވެ.

ހުރާއިން ޕޮޒިޓިވް ކޭސްއެއް ފެނިފައިވާއިރު، ގެސްޓްހައުސްތައް ހުޅުވާލިފަހުން އެ އަތޮޅު މާފުށިން ވަނީ 3 ފަތުރުވެރިއަކު ޕޮޒިޓިވް ވެފައެވެ.

ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފެށިއިރު އެ ދުވަހު ވަނީ މާފުއްޓާއި ހުރާގެ ގިނަ ގެސްޓްހައުސްތައްވެސް ހުޅުވާފައެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަތައް ދެމުންދަނީ އެޗްޕީއޭގެ ގައިޑްލައިނަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމުންނެވެ. އެގޮތުން އެ ހުއްދަ ދެމުން އަންނަނީ ގެސްޓްހައުސް ހިންގަމުން އަންނަ ރަށްރަށުގައި ފްލޫ ކްލިނިކަކާއި ކަރަންޓީނު ފެސިލިޓީއެއް އަދި މީހަކު ޕޮޒިޓިވްވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ރަށްރަށަށެވެ. އަދި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފަށަން ކައުންސިލުގެ ހުއްދަވެސް ހޯދަން ޖެހޭއިރު ގެސްޓްހައުސްތައް ފެށުމާއެކު ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުން ވެސް މަޖުބޫރެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އެސްއޯޕީ އާއި ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުނުކޮށް އުސޫލާ ހިލާފުވާނަމަ، ދޫކޮށްފައިވާ ހުއްދަ ސަސްޕެންޑުކުރަން ޖެހިދާނެކަން ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގައިފައެވެ.