އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އަންނަ އާދިއްތަ ދުވަހު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގައި 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސުދީރު ވަނީ ފޮރިން ސެކެޓްރީގެ ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. މާދަމާއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ފޮރިން ސެކެޓްރީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ދެގައުމު ދޭތެރޭގައި ކުރިއަށް ގެންދަން ޖެހޭ މަތީ ފަންތީގެ މަޝްވަރާ ތަކަށް ކަމަށް ސުދީރު ވިދާޅުވިއެވެ.

ފޮރިން ސެކްޓްރީގެ މި ދަތުރުގައި، ސޮއި ކުރެއްވުމަށް ހަމަޖެހިފައި ވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއާ ބެހޭ އެއްބަސްވުމެއްގައެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއަށް ހަރަދު ކުރުމަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނު ރާއްޖެ ދިނުމަށް ނިންމާ، އެ އެއްބަސްވުމުގައި މިދިޔަ އޮކްޓޯބަރުމަހު 12 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

މި 400 މިލިއަން ޑޮލަރުގެ އިތުރުން އެ މަޝްރޫއަށް ހަރަދު ކުރުމަށް ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އިންޑިއާ ފޮރިން ސެކެޓްރީގެ ދަތުރުގައި ސޮއި ކުރެއްވުމަށް ހަމަޖެހިފައި ވަނީ ހިލޭ އެހީގެ ގޮތުގައި ދޭ އެ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ކަމަށް ހައިކޮމިޝަނާ ސުދީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށް، ބައެއް ކަންކަން އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށް ސުދީރު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވާ ސުދީރު ވިދާޅުވީ އިތުރު މައުލޫމާތު މި ދަތުރުގައި ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފޮރިން ސެކެޓްރީގެ ދަތުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ގާތް ރަހްމަތްތެރި ދެގައުމުގެ އިސްވެރިން އެއްގައުމު އަނެއް ގައުމަށް ދަތުރުކުރަން ޖެހޭ ކަމަށާއި އެއީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަސް ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ އޮތް ނަމަވެސް އެ ދަތުރުފުޅު ކުރެއްވޭގޮތް ވެފައި ނުވަނީ ކޮވިޑް-19ގެ ސަބަބުންނެވެ.

އެހެން ކަމުން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއާއި ރައީސް ސޯލިހްގެ މަޝްވަރާތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވި އިރު، ދެ ގައުމުގެ ފޮރިން މިނިސްޓަރުން އަދި ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ވާޗުއަލްކޮށް ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

އިންޑިއާގެ ފޮރިން ސެކެޓްރީގެ މި ދަތުރާ ގުޅޭގޮތުން ރާއްޖޭގެ ހާރިޖިއްޔާއިން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާ އިރު، މި ދަތުރުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ ފޮރިން ސެކެޓްރީގެ މި ދަތުރުގައި، ރައީސް ސޯލިހްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކެބިނެޓް ގިނަ މިނިސްޓަރުންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.