ދ. އަތޮޅުގައި އޮންނަ ރިސޯޓުއް ކަމަށްވާ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މީހަކު ނިޔާވި މައްސަލައާ ގުޅިގެން އެޗްޕީއޭގެ ފަރާތުން މައްސަލަ ބެލުމަށް ފަހު އެކަން އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިހާރު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ފަރާތުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ، ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް ބަލީގެ އަލާމަތް ހުރި އެ ރިސޯޓުގެ މުވައްޒަފެއް ނިޔާވި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މަހުގެ 2 ވަނަ ދުވަހު އެޗްއީއޯސީން ޓިމެއް ވަނީ ކަނޑިންމަ ރިސޯޓަށާއި ދ. އަތޮޅު ހޮސްޕިޓަލަށް ގޮސްފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. ފުރަތަމަ ކޭސް ފެނުމާއެކު އެތަނުގައި ކަން ހިނގާ ދިޔަ ގޮތް ބަލައި އެ ފަރާތުން ވަނީ ރިޕޯޓެއް ތައްޔާރު ކޮށްފައި ކަަމަށް ނަޒްލާ ވިދާޅުވިއެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެއް ނޭވާލާން އުނދަގޫވެ ސިއްހީ ފަރުވާ ހޯދަން ދ. ކުޑަހުވަދުއަށް ގެންދިޔަ ފަހުން ނިޔާވި މައްސަލަ ތަހުގީގު ކުރަން ދިޔަ ޓީމް އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މާލެ އައިސްފައި ވާ ކަމަށާއި އަދި އެ ޓީމުން ތައްޔާރު ކުރި ރިޕޯޓު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އަށް ހުށަހެޅުމުން އެ ރިޕޯޓު ބެއްލެވުމަށް ފަހު ޑީޖީ ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅުއްވަފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެ ރިސޯޓުން ފުރަތަމަ 20 ކޭސް ފެނުމާއެކު އެޗްއީއޯސީއާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓާއި އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރާ ވާހަކަ ދައްކާފައި ކަމަށާއި އެފަރާތްތަކަށް އެޗްޕީއޭގެ ގައިޑްއިންގައި ވާ ގޮތާއި އަދި ކުރިއަށް އޮތް ތަނުގައި ކަން ކުރަންވީ ގޮތް ކިޔައި ދެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިހާ ހިސާބަށް އައި އިރު ކަނޑިންމަ ރިސޯޓުން ވަނީ ޖުމްލަ 50 ކޭސް ފެނިފައެވެ. ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 60 އަހަރުގެ އާދަމް ނަސީރު ނިޔާވުމާ ގުޅިގެންނެވެ.