މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ނަމަކަށް ކިޔާ ކުންފުންޏަކުން 45 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިހާރު ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގައި ކުރިއަސްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިއަދު މާލެއިން ގިނަ އަދަދެއްގެ ކޮވިޑް ޕޮޒިޓިވް ކޭސް ފެނިފައިވާ ކަަމަށެވެ.

އެގޮތުން އެއާޕޯޓުގައި މިހާރު ކުރަމުންދާ މަސައްކަތްތަކެއްގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޗައިނާ ހާބާ އިންޖިނިއަރިން ކުންފުނިން މަސައްކަތް ކުރަނީ އެކި ސަރަހައްދުތަކުން ބިދޭސީން ނަގައިގެން ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ. އެގޮތުން އެކުންފުންނިން ބަޔަކު ކޮވިޑަށް ޓެސްޓު ކުރި އިރު އޭގެ ތެރެއިން 45 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ކޭސްތަކާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި މި ކޭސް ގާތުން ބަލަމުން ދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދު ކޮވިޑަށް 71 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 60 މީހަކު ޕޮޒޮޓިވް ވެފައި ވާއިރު 11 މީހުން ޕޮޒިޓިވް ވެފައި ވަނީ އަތޮޅު ތެރެއިންނެވެ.

މިހާތަނަށް މާލެއިން މި ބައްޔަށް ޕޮޒޮޓިވް ވި މީހުންގެ އަދަދު މިވަނީ 11،893 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 38 އަށް އަރާފައެވެ.