މިއަދާ ހަމައަށް އައި އިރު ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.
މިހާރު ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށް ގެންދާ ނޫސްވެިރންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު ކަނޑިންމައިން ފެނިފައިވާ ކޭސްގެ ޖުމްލަ އަދަދު 50 އަށް އަރާފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް އައި އިރު 20 ކޭސް ފެނިފައިވާ ކަމަށާއި، އަދި މި މަހުގެ 3 ވަނަ ދުވަހު އިތުރު 30 ކޭސް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މި ކޭސްތައް ފެނިފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިން ކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޑިޕާޗާއަށް އެ ރިސޯޓުން ޓެސްޓު ކުރި ގެސްޓެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކަނޑިންމަ ރިސޯޓު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. ހަމައެއާއެކު އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަމުން ދާތީ އެރަށަށް އަރާ ފެބުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ބަދަލުކުރި ދުވަހުން ފެށިގެން އެ ރިސޯޓަށް އިތުރު ޓޫރިސްޓުން ނުގެނެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކުރިން އެ ރިސޯޓަށް ދިއުމަށް ބުކިން ހަދާފައި ތިބި ގެސްޓުން ދަނީ އެހެން ރިސޯޓުތަކަށް ބުކިން ބަދަލު ކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެ ރަށުގައި މިހާރު ތިބި ގެސްޓުން ފުރުވާލުމުގައި އެއްވެސް ޕޮޒިޓިވް ކޭސްއަކާ ކޮންޓެކްޓް ވިތޯ ބަލާ ކަމަށާއި އަދި ޕީސީއާރް ޓެސްޓެއްވެސް ހަދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ދާދި ފަހުން ކޮވިޑް ބަލީގައި ނިޔާވި އުމުރުން 60 އަހަރުގެ އާދަމް ނަސީރަކީ ދ. މާއެނބުދޫއަށް އުފަން އަދި ކަނޑިންމަ ރިސޯޓުގެ މުވައްޒަފެކެވެ. އާދަމް ނަސީރު ނިޔާވެފައި ވަނީ މި ދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި ކޭސް ފެންމަތިވުމާއެކު ކަނޑިންމަ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެރިސޯޓުން އާދަމް ނަސީރާ ކޮންޓެކްޓް ވި މީހުންގެ ސާމްޕަލް ނަގާފައެވެ.