އަންހެނަކު ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ ގދ. ތިނަދޫ، ހުޅަނގުގެ، ހަސަން ފާއިޒު (ޖޭސަން) 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމައްސަލައަކީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާޓް ޕްރޮޖެކްޓެއްގެ ކަމެއްގައި މަޝްވަރާ ކޮށްލަން ކަމަށް ބުނެ އޭނާ ހިންގާ ސްޓޫޑިއޯ އަކަށް 19 އަހަރުގެ އަންހެން އާޓިސްޓަކު ގެންދިޔުމަށް ފަހު އެތަނުގެ ތެރޭގައި އެ އަންހެން މީހާ ރޭޕް ކުރި މައްސަލައެކެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމާ 2018 ޖެނުއަރީގައި އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފުލުހުން މައްސަލަ ފޮނުވިއެވެ.

އެމައްސަލަ އާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ އެ މައްސަލަ ސިއްރު ކުރުމަށް ފައިސާ ހުށަހެޅި ކަމަށް ބުނެފައެވެ. އަދި ފުލުހަށް ދިޔަ ނަމަވެސް ކަމެއް ނުވާނެ ކަމަށް ބުނެ ޖޭސަން ބިރު ދެއްކި ކަމަށް އަންހެން ކުއްޖާ އޭރު ވަނީ ބުނެފައެވެ.

ނަމަވެސް ޖޭސަން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް އެ އަންހެން ކުއްޖާގެ ގައިގާ އަތްލާފައި ނުވާނެ ކަމަށް އޭނާ އޭރު ވަނީ ބުނެފައެވެ.

ޖޭސަން އަކީ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކުގެ ކޮއްކޮއެވެ.