ފަތުރުވެރިން އަންނަން ލުއި ގޮތްތައް ފަހިކޮށް ދިނަސް ބޯޑާ ސެކިއުރިޓީ ބެލެހެއްޓޭނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަންގެ އެސްއޭޕީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަމެއް ބިނާވެފައި ވަނީ ފަތުރުވެރިކަމަށް ވުމާއެކު ރާއްޖެއަށް ފައިދާ ވާނީ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށެވެ.

އެހެންކަމުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅާފައި ވާނީ ވެސް ފަތުރުވެރިން އިތުރުކުރުމަށްޓަކައި އިތުރު ލުއިފަސޭހަ ތަކަކާއެކު، ވިސާ ދިނުމުގައި ވެސް ފަސޭހަވާނެ ގޮތްތަކަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެވެ.

އިމިގްރޭޝަންގެ ގާނޫނަށް މިހާރު ގެނެސްފައި ހުރި ބަދަލުތަކުން ވެސް ސަރުކާރުގެ ވިސްނުމުގައި ފަތުރުވެރިން އައުމަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައި ވާކަން ފެންނާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އަދި މި ލުއިތަކާއެކު ވެސް ބޯޑާ ސެކިއުރިޓީ ތަންފީޒު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބުނާ ކަހަލަ އަންނާށޭ. ކުރިން މިއޮންނަނީ ނާންނާށޭ، ވަރަށް ބޮޑަށް ހަރުކަށި އުސޫލަކުން. ބޯޑާ ކޮންޓްރޯލް ކުރަން ޖެހޭ، އެ ސެކިއުރިޓީ ދަމަހައްޓަން ޖެހޭ"
މިނިސްޓަރު ފައްޔާޒް

ފައްޔާޒު ވިދާޅުވީ ފަތުރުވެރިން ގެނައުމުގައި ލުއި ދިނުމާއި ސެކިއުރިޓީ ދަމަހައްޓަން ބޯޑަރު ކޮންޓްރޯލް ކުރުން ވެސް ބެލެންސް ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ ފުދުންތެރި ގައުމަކަށް ހެދޭނީ މި ބަދަލުތަކާ އެއްގޮތަށް ހުރިހާ އެންމެންގެ ވިސްނުންވެސް ބައްޓަން ކޮށްގެން ކަމަށެވެ.

އިމިގްރޭޝަނުން 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް އެކުލަވާލި އެސްއޭޕީ މިއަދު ތައާރަފް ކޮށްފައި ވާއިރު، މިއީ ފާއިތުވި 12 އަހަރު ތެރޭގައި އިމިގްރޭޝަނުން ޝާއިއުކުރި ފުރަތަމަ އެސްއޭޕީއެވެ. މި އެސްއޭޕީ ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން ވިދާޅުވީ އިމިގްރޭޝަނުން ކުރާ މަސައްކަތަކީ އަބަދުވެސް ދުރާލާ ވިސްނާ ރާވައިގެން ކުރެވޭނެ ކަންކަމަށް ވުމަކީ މުއައްސަސާއަށް އަންނަ އިތުރު ހަރުދަނާ ކަމެއް ކަމަށެވެ.