ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުން އަންނަ ކ. މާފުށިން އިތުރު 2 ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، މި ދެ ފަތުރުވެރިން ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ ގެސްޓްހައުސް އުސޫލު ބުނާ ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ކަމަށެވެ.

ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފެށިއިރު އެ ދުވަހު ވަނީ މާފުށީގެ ގެސްޓްހައުސްތައްވެސް ހުޅުވާފައެވެ.

މީގެ ކުރިން މިދިޔަ މަހުގެ 28 ވަނަ ދުވަހުވެސް ވަނީ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭނާވެސް ޕޮޒިޓިވް ވެފައި ވަނީ ފުރުމުގެ ދެ ދުވަސްކުރިން ހެދި ކޮވިޑް ޓެސްޓުންނެވެ. އެއާއެކު މާފުށިން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު ވަނީ 3 އަށް އަރާފައެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަތައް ދެމުންދަނީ އެޗްޕީއޭގެ ގައިޑްލައިނަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމުންނެވެ. އެގޮތުން އެ ހުއްދަ ދެމުން އަންނަނީ ގެސްޓްހައުސް ހިންގަމުން އަންނަ ރަށްރަށުގައި ފްލޫ ކްލިނިކަކާއި ކަރަންޓީނު ފެސިލިޓީއެއް އަދި މީހަކު ޕޮޒިޓިވްވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ރަށްރަށަށެވެ. އަދި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފަށަން ކައުންސިލުގެ ހުއްދަވެސް ހޯދަން ޖެހޭއިރު ގެސްޓްހައުސްތައް ފެށުމާއެކު ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުން ވެސް މަޖުބޫރެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އެސްއޯޕީ އާއި ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުނުކޮށް އުސޫލާ ހިލާފުވާނަމަ، ދޫކޮށްފައިވާ ހުއްދަ ސަސްޕެންޑުކުރަން ޖެހިދާނެކަން ޓޫރިޒަމް މިނިސްޓްރީން އަންގައިފައި ވަނީ އިއްޔެއެވެ.