ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އެސްއޯޕީ އާއި ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުނުކޮށް އުސޫލާ ހިލާފުވާނަމަ، ދޫކޮށްފައިވާ ހުއްދަ ސަސްޕެންޑުކުރަން ޖެހިދާނެކަން ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ޓޫރިސްޓު ފެސިލިޓީތައް އޮޕަރޭޓުކުރުމުގެ ހުއްދަ ދީފައި ވަނީ، އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ފުރިހަމައަށް އަމަލުކުރާ ގޮތަށް ކަމަށާ އެގޮތުން ބައެއް ތަންތަނުން އެސްއޯޕީ އާއި ގައިޑްލައިންތަކަށް ފުރިހަމައަށް ބޯނުލަނބާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ނަމަވެސް ގިނަ ތަންތަނުން އުސޫލުތަކަށް ބޯލަނބާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ އުސޫލެއްގެ ދަށުން ތަންތަން އޮޕަރޭޓުކުރުމަށް އަންގާފައި ވަނީ މުވައްޒަފުންނާ، ފަތުރުވެރިންނާ އަދި އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށާ އެހެންކަމުން އުސޫލުތަކާ ހިލާފުވާނަމަ، އިތުރު އިންޒާރެއް ދިނުމެއް ނެތި އެތަންތަނަށް ދޫކޮށްފައިވާ ހުއްދަ ސަސްޕެންޑުކުރަން ޖެހިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ހުއްދަ ސަސްޕެންޑު ކުރުމާ ގުޅިގެން ދިމާވެދާނެ އެންމެހާ ގެއްލުމަކަށް ޒިންމާ ނަގަންޖެހޭނީ އުސޫލާ ހިލާފުވި ފެސިލިޓީއަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގައިފައެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ މާޗު މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު ރިސޯތްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިން ނަމަވެސް ގެސްޓްހައުސްތަކަށް ހުއްދަ ދީފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މިހާތަނަށް ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ނ. ފޮއްދޫ އާއި ކ. ހުރާ އާއި ވ. ފުލިދޫ އާއި ވ. ތިނަދޫ އާއި އއ. މަތިވެރި އާއި ކ. މާފުށިީގެ އިތުރުން އއ. ތޮއްޑޫ އާއި އއ. އުކުޅަހާއި ކ. ގުރައިދޫ އާއި އއ. ރަސްދޫ އާއި ކ. ހިންމަފުއްޓާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ ފޭދޫ އަދި އައްޑޫ ސިޓީ މަރަދޫފޭދޫއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 41،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އޭގެ ތެރެއިން 1،210 ފަތުރުވެރިން އައިސްފައި ވަނީ ގެސްޓްހައުސް ތަކަށެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މާފުއްޓަށެވެ. އެގޮތުން މާފުއްޓަށް 548 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.