ހުޅުމާލޭގައި ހުންނަ ފިިޔަވަތިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 36 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފިޔަވަތިން ފެނުނު ކޮވިޑް ކޭސްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ހުރީ ދެ ކޭސް ކަމަށެވެ.

އެންމެ ފުރަތަމަ ފިޔަވަތިން ކޮވިޑް ކޭސްތަކެއް ފެނިފައި ވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ފިޔަވަތިން 13 ޕޮޒިޓިވް ކޭސް ފެނިފައެވެ. އެއާ އެކު މިހާރު ފެނިފައިވާ ޖުމްލަ އަދަދު ވަނީ 38 އަށް އަރާފައެވެ.

އޭގެ އިތިރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. އެ ކުދިން ބަލިން ރަނގަޅުވެ، މޮނިޓަރިން އިން ނަގާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފިޔަވަތިން 36 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ ފިޔަވަތީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރުމާ ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުންކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.

އަދި އެފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމުން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.

ޕޮޒިޓިވްވި ކުދިން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީ އަކަށް ބަދަލުކޮށް އެ ދުވަހު ފެށިގެން ވަނީ ފަރުވާ ދީފައެވެ.