ކޮވިޑް-19 އާ ގުޅިގެން ރައީސާއި، ނައިބު ރައީސާއި ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ރައްޔިތުންގެ މަޖިލީހުން ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހަޅާފައިވާ އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ކޮށްފައިވާ ހުކުމުގައި ބުނީ އެ މައްސަލައަކީ ގާނޫނު ނަމްބަރު 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައިވާ ފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސޯސް ލިބިގެންވާ ގައުމުގެ އާންމު މަސްލަހަތަކާ ގުޅިފައިވާ މައްސަލައެއް ކަން މުހައްމަދު ހަލީމަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ޝަރީއަތަށް ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.
އެ މައްސަލައަކީ ވަކި ވަކި ފަރުދުންނާ ގުޅުންހުރި އަދި އެ ފަރާތްތަކަށް ފަރުދީ ގޮތެއްގައި ކޮށްފާނެ އަސަރުތަކެއްގެ ވާހަކަ ކަމުގައިވެސް ބުނެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ކުރީކޮޅުން ފެށިގެން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި އިނާޔަތްތައް މަޖިލީހުން ހަ މަހަށް ކުޑަކުރިއެވެ.
ރައީސާއި ނައިބު ރައީސްގެ މުސާރައަކީ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރައެއް ކަމަށް ވިޔަސް، އެ ދެ މަގާމު މުސާރަ ކުޑަކުރީ ގާނޫނު އިސްލާހު ކުރުމެއް ނެތިއެވެ. އަދި ބައެއް މިނިވަން މުއައްސަސާތަކާ ބެހޭ ގާނޫނުތަކުގައި އެ މުއައްސަސާތަކުގެ ވެރިންގެ ދައުރު މުއްދަތުގެ ތެރޭގައި މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މުހައްމަދު ހަލީމް އެ މައްސަލަ ހުށަހަޅާފައިވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. އެހެންނަމަވެސް ހަލީމްގެ ފަރާތުން އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ބުނެއެވެ.
އެ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.