ރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ގައުމީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް މިއަދު އިފްތިތާހު ކޮށްފިއެވެ.
އެ ޕްލޭން އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިނިސްޓްރީ އޮފް އެންވާރަމަންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް އެންވާރަމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭން ތައްޔާރު ކުރުމުގެ މަގްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ ފަސް އަހަރުގެ މުއްދަތަށް ތައްޔާރު ކޮށްފައިވާ ޕްލޭނެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މައިގަނޑު ހަ ސިޔާސަތެއްގެ މައްޗަށް އެ ޕްލޭން އެކުލަވާލުމުގައި ބަލާފައި ވާއިރު އެންވާރަމަންޓް މިނިސްޓްރީން ބުނީ ސިޔާސަތު ބިނާ ވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް އެންމެނަށް ކަށަވަރު ކޮށްދިނުމަށާއި ތިމާވެއްޓާ ރައްޓެހި ހަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމަށާއި ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށާއި އެ ދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރި ކޮށް ހިމާޔަތް ކުރުމަށާއި އަދި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުން ވެރި މުޖުތަމައެއް ބިނާކުރުމުގެ މައްޗަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ވިދާޅުވީ ސުނާމީއަށް ފަހު ރާއްޖޭގެ ގުދުރަތީ ފެނުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް އައިސްފައި ވާކަމަށެވެ. އެހެން ކަމުން ދެމެހެއްޓެނިވި ގޮތުގައި ގުދުރަތީ ވަސީލަތް ބޭނުން ކުރުމަށް ރައްކާތެރި ގޮތެއްގެ މަތިން ފެން ބޭނުން ކުރަން ޖެހޭކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
އެގޮތުން 44 ރަށެއްގައި ފެނުގެ ރައްކާތެރި ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް 53 ރަށުގައި ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.