އައިޖީއެމްއެޗަށް އަނެއްކާވެސް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާނު ކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލަށް 23 ރަޖިސްޓާޑް ނަރުހުންނާއި ސީނިއާ ރަޖިސްޓާޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ރަޖިސްޓާޑް ނަރުހުންނަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 9،060 ރުފިޔާ އާއި 9،360 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭ އިރު ސީނިއާ ރަޖިސްޓާޑް ނަރުހުންނަށް 9،670 ރުފިޔާ އާއި 10،160 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

ކްލިނިކަލް ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭނީ 10،410 ރުފިޔާ އާއި 10،940 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ.

ސާވިސް އެލަވެންސްގެ ގޮތުގައި ނަރުހުންނަށް، ކަނޑައެޅިފައިވާ ގޮތުގެ މަތިން 188 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލައި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ 13:30ގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.