ނަސްރުގެ ދުވަހުގެ ލަވައޭ ބުނުމުން ގިނަ ބައެއްގެ ހިތަށް އަރާނީ ނޮވެމްބަރު 3، 1988 ވަނަ ދުވަހު ގައުމަށްޓަކައި ޝަހީދުވި ބަތަލުންނަށް ޝުކުރު އަދާކޮށް، އެ ބަތަލުންގެ ޒިކުރާ އާ ކުރުމަށް ކިޔާފައި ވާ "ކިޔާ ދޫތަކުން" ލަވައެވެ. ނަސްރުގެ ދުވަހުގެ މުނާސަބާ ކިއުމަށް މި ލަވައިގެ ކަޑިތަކަކީ ކޮންމެ އަހަރަކު ވެސް ނަސްރުގެ ދުވަހު ސޯޝަލް މީޑިއާ ފުރާލާ ކަޑިތަކެކެވެ. އެހާވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ލަަވައެކެވެ.

މިއަދު ފާހަގަ ކުރަމުން މިދާ 32 ވަނަ ނަސްރުގެ ދުވަހު ވެސް ސޯޝަލް މީޑިއިން ފެންނަނީ މި ލަވައެވެ. މީގެ އިިތުރުން، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި އޭނާގެ ދަރިފުޅު ލައިބާ އަހްމަދު މަހްލޫފް (އެލީ)ގެ އަޑުން ކިޔާފައިވާ މި ލަވައިގެ ކަވާ އަކީ ވެސް މިއަހަރުގެ ނަސްރުގެ ދުވަހު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަވާ އެކެވެ.

މި ކަވާގެ ފުރަތަމަ ޓީޒާ ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ ނިމިދިޔަ އޮކްޓޯބަރު މަހު 17 ވަނަ ދުވަހެވެ. ލަވަ ކިއުންތެރިއާ އިބްރާހިމް ޒައިދު ނުވަތަ ކުޑައިއްބެ ޓްވިޓާއަށް ދޫކޮށްލި 25 ސިކުންތުގެ ކުޑަ ވީޑިއޯ ކޮޅަކާ އެކުއެވެ. އެ ވީޑިއޯއިން ފެންނަނީ މަހްލޫފައި އެލީ، ލަވައިގެ ތަންކޮޅެއް ކިޔާލާ މަންޒަރެވެ. "ކަމިން ސޫން" ޖަހާފައިވާ އެ ވީޑިއޯ ކޮޅަށް މީހުންގެ ސަމާލުކަން ހުއްޓުނީ އެހާ ހިސާބުންނެވެ.

ފުރަތަމަ ޓީޒާ ނެރުނުތާ ދެ ދުވަސް ފަހުން ފެނުނީ ސްޓޫޑިއޯއެއްގައި ލަވަ ރެކޯޑް ކުރުމުގެ ތެރެއިން ނެރެފައިވާ 22 ސިކުންތުގެ ކުޑަ ވީޑިއޯ ކޮޅެކެވެ. އެއަށް ފަހު މިދިޔަ ހުކުރު ދުވަހު އެލީގެ މަންމަ، ނަޒްރާ ނަސީމް (ނަޒޫ) ޓްވިޓާއަށް ދޫކޮށްލި 1 މިނިޓާއި 24 ސިކުންތުގެ ވީޑިއޯ ކޮޅެކެވެ. އެއީ ލަވަ ރެކޯޑް ކޮށް، ކޮރިއަގްރަފީ ހަދާ، ހުރިހާ ކަމެއް ނިމި، ލަވަ ނެރުމަށް ތައްޔާރުވެފައި ވަނިކޮށް ނެރުނު ވީޑިއޯ ކޮޅެކެވެ.

އެލީއަށް މިލަވަ ކަމުދިޔަ ވަރުން ނިންމީ މަހްލޫފާ ދެމީހުން ކަވާއެއް ކިޔަން
ނަޒޫ

ނަސްރުގެ ދުވަހުގެ މުނާސަބާގައި ނެރެފައިވާ މި ލަވައާ އެއްވަރަށް ލަވައިގެ ވީޑިއޯވެސް އެހާމެ ހިތްގައިމެވެ. ލަވައަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދިނީ ނުހާ، ކޮއްކޮ އަދި ބަގްސީގެ ހިތްގައިމު ހަރަކާތްތަކުންނެވެ. ޒަމާނީ ނެށުމަކުންނެވެ. ހިތްގައިމު ހަރަކާތް ތަކުން ދައްކުވައި ދިނީ ނޮވެމްބަރު 3 ގެ ކަޅު އަނދިރި ކަމުން ގައުމަށް ނަސްރު ލިބުނު ވާހަކައެވެ.

މި ލަވައިގެ ރިކޯޑިން، މިކްސިން އަދި މާސްޓަރިން، ޓޮނިކް ލައިވް ސްޓޫޑިއޯއިން ހަދާފައި ވާއިރު، މިއުޒިކް ކޮމްޕޯޒް ކުރީ ކުޑަ އިއްބެއެވެ. ބެކް ވޯކަލްސްގައި ކުޑައިއްބެގެ އިތުރުން ތޭރަ އަދި ޝައު ހަރަކާތްތެރި ވެފައި ވާއިރު، ސިނެމަޓޮގްރަފީ އަދި ޕޯސްޓް ޕްރޮޑަކްޝަނުގައި ހަރަކާތްތެރި ވީ ލައިޓްސްއައުޓްގެ ފަރާތުން ޝިނާހުއެވެ.

އެލީއާއި މަހްލޫފްގެ މި ލަވާގައި ހާއްސަ ޝުކުރެއް އަދާކޮށްފައި ވަނީ ނަޒޫ އަށެވެ. މި ލަވަ ހާއްސަ ކޮށްފައި ވަނީ ނޮވެމްބަރު 3 ގައި ގައުމަށްޓަކައި ޝަހީދުވި ބަތަކުންގެ އާއިލާތަކަށާއި، ސިފައިންނާއި ފުލުހުންގެ އިތުރުން ދިވެހި ރައްޔިތުންނަށެވެ.