ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބިވުމުގެ މުހިންމު ކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގެ 28 ވަނަ އަދަދުގައި ހިމެނުމަށް ފޮނުއްވި ހިތާބުގައެވެ.
އެމަނިކުފާނުގެ ހިތާބުގައި މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި އުދުވާން ސިފަކުރައްވާފައި ވަނީ، ދިވެހި ތާރީހު ދުށް ވަރަށް އަނިޔާވެރި އަމަލުތަކުގެ ގޮތުގައެވެ. އަދި ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މި ބިމަށް އޮހޮރުވައިލި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައެވެ.
އެމަނިކުފާނު ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް އާކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަމަށާއި، އެ ހާދިސާއިން އިބްރަތް ހާސިލުކުރަމުން ކަމުގައެވެ. އަދި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެ ވަޑައިގެންނެވި ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީން ދޭހަ ވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމާ މެދު އޮންނަ ހާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމަށޤ އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެންޑީއެފަށް ދެއްވި ހިތާބުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި، ދިވެހި ގައުމުގެ ދިފާއީ އައްޑަނަ ކަމަށްވާ ރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ، އޭރު ވެސް އަދި މިހާރު ވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ.
އަދި، 1988، ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ހިމާޔަތް ކުރުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކު ވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އައުވެ އާލާވަމުން އަންނަ ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.