ރާއްޖޭގެ ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބު ތަކަށް ބަލާއިރު، މިވަގުތު އެކްޓިވް ކޭސްތައް ޖުމްލަ 31 ރިސޯޓެއް އެބަހުއްޓެވެ. އެ ރިސޯޓްތަކުގައި މި ވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަށް ކަޅި ހިންގާލާ އިރު 43 ފަތުރުވެރިންނާ 97 މުވައްޒަފުން ހިމެނެއެވެ.

އެއާއިއެކު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރިސޯޓްތަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 140 އަށް އަރާފައެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވެފައި ވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުންނެވެ.

ކަނޑިންމަ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ރިސޯޓުގައި ހުއްޓައި ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް ޖެހިގެން ނިޔާވުކމާ ގުޅިގެންނެވެ. އުމުރުން 60 އަހަރުގެ އެ ދިވެހި ފިިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ނިޔަވި ފަހުން ސާމްޕަލް ނަގާ ޓެސްޓު ކުރުމުންނެވެ.

އެއާއެކު، މިދިޔަ ހޮނިހިރު ދުވަހުއްސުރެ ކަނޑިއްމަ ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މީގެ އިތުރުން، އެޗްއީއޯސީން ކުރިން ބުނެފައިވާ ގޮތުގައި އެ ރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ވެފައި ތިބި ފަތުރުވެރިންނަށް ފުރައިގެން ދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވިތާ މިއަދަށް މިވީ 2 މަހާއި 15 ދުވަހެވެ. ރާއްޖޭގެ ބޮޑަރުތައް ހުޅުވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާއިރު އަހަރު ފަހު ކޮޅުގައި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަ ސީޒަން މިމިހާރު މިވަނީ ފަށާފައެވެ. އަދި މިއާއެކު ދުވަހެއް ދުވަހެއް އަންނަނީ މައި އެއާޕޯޓުގައި ޖައްސާ ފްލައިތުތަކާއި އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންނެވެ.

އެގޮތުން އިއްޔެ އަކީ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އިއްޔެ ރާއްޖެއަށް 1582 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހުގައި 21،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.