ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީބު އިބްރާހިމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޕީޖޫ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަހީބް އިބްރާހިމް ދޫކޮށްލާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.

ޝަހީބަކީ ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ. އަދި މީހާރު އޭނާ ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ސަސްޕެންޑު ކޮށްފައެވެ.