އޭނާއާ ބައްދަލުވެފައި ވާ މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއެކު މިވަގުތު ހުންނެވި ސެލްފް އައިސޮލޭޝަންގައި ކަމަށް، ކޮވިޑް-19 އާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސުސް ހާމަ ކުރައްވައިފިއެވެ.

ޑރ ޓެޑްރޯޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ހަށިގަނޑުން އަދި ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށާ، ހާލުވެސް ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވާ ޕްރޮޓޮކޯލްތަކާ އެއް ގޮތަށް، ކަރަންޓީނު މުއްދަތުގައި، ވަޒީފާގެ މައްސޫލިއްޔަތު އަދާ ކުރައްވާނީ ގޭގައި ހުންނަވައިގެން ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ޑރ ޓެޑްރޯޒް ވަނީ ސިއްހީ ގައިޑްލައިންތަކަށް އަމަލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބާރު އަޅުއްވާފައެވެ.

ކޮވިޑް-19 ގެ ކޭހަކާ ކޮންޓެކްޓްވެ، ޑރ ޓެޑްރޯޒް ކަރަންޓީނުވެވަޑައިގެންފައި މިވަނީ، ޑަބްލިއުއެޗްއޯގެ މައި އިދާރާ މަރުކަޒު ކޮށްފައި ވާ ސުވިޓްޒަލަންޑްގެ ވެރިރަށް ޖެނީވާގައި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މި ވަގުތަކީ ކޮވިޑް-19ގެ އިތުރު ރާޅެއް ވިލާތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ވަގުތެއް ކަމަށް، ޑަބްލިއުއެޗްއޯގެ ވިލާތު ގޮފީގެ އިސްވެރިޔާވެސް ވަނީ އިންޒާރު ކުރައްވާފައެވެ.