މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު) ކާރަށް ގެއްލުންދީ، އާމްދަނީ އަށް ހުރަސްއަޅާފައި ވަނިކޮށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެހީތެރިވެ ދެއްވައިފިއެވެ.

އެކަމާ ގުޅިގެން އައިންތު ބުނީ ބިއްލޫރިގަނޑު ތަޅާލިކަން އެނގިވަޑައިގަތުމުން މިނިސްޓަރުގެ ފަރާތުން އައިންތުއަށް ގުޅައި، ކާރު މަރާމާތު ކޮށް ދެއްވާފައިވާ ކަމަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަޅުގަނޑަށް މިކަމުގަ އެއްބާރުލުން ދެއްވި އެއްމެހާ ފަރާތްތަކަށް ހިތުގެ އެއްމެ ފުންމިނުން ށުކުރު އަދާކުރަން. އަދި ވަކިން ޙާއްސަކޮށް މިނިސްޓަރ އަހުމަދު މަހުލޫފް އަޅުގަޑަށް ދެއްވި އެއްބާރުލުމާ އެހީތެރިކަމަށް ވަރަށް އިޚްލާސްތެރިކަމާ އެކީ ށުކުރު ދަންނަވަން.
އައިންތު

އެކަމާ ގުޅިގެން މިނިސްޓެރު މަހްލޫފް ވިދާޅުވީ އައިންތުއަަށް އަބަދުވެސް މިނިސްޓަރުގެ އެހީތެރިކަން ލިބިވަޑައި ގަންނަވާނެ ކަމަށާއި އައިންތުއަށް ގޯނާކުރާ މީހުން ގާނޫނު އަރާ ހަމަކޮށް އެކަން ހުއްޓަންދެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މަހްލޫފް ވިދާޅުވީ އައިންތު އަކީ ވަރަށް ހިތްވަރުގަދަ ކަނބަލެއް ކަމަށާއި ހުރިހާ އަންހެނުންނަށްވެސް ނަމޫނާ މީހެއް ކަމަށެވެ.

އައިންތު ވަޒީފާއަށް އަލުން ނުކުމެފައި ވާއިރު، އައިންތު ބުނެފައި ވަނީ އޭނާ ޓެކްސީ ކުރަން ފެށި ފަހުން ކާރުގެ ބިއްލޫރިގަނޑު ތަޅާލި މިއީ 5 ވަނަ ފަހަރު ކަމަށެވެ.

މީގެކުރިންވެސް ޑްރައިވަރު އައިންތުގެ ކާރަށް ވަނީ ގެއްލުން ދީފައެވެ. އެފަހަރު އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނެފައިވެއެވެ. އައިންތު ޓެކްސީ ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޓެކްސީ ޑްރައިވަރެކެވެ.