"މަލާބާރު އެކްސަސައިޒް" ގެ ނަމުގައި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ފަށާ ތަމްރީނުތަކަކީ، 1992 ވަނަ އަހަރު އެމެރިކާއާއި އިންޑިއާ ދެމެދު ފެށި ތަމްރީނުތަކަށް 2 ގައުމެއް އިތުރު ކޮށްގެން ކުރިއަށް ގެންދާ، ކަނޑުގެ އަސްކަރިއްޔާގެ ތަމްރީނު ޕްރޮގްރާމްއެކެވެ.

"މަލާބާރު" ތަމްރީނުތަކާ ޖަޕާނުން ގުޅުނީ 2015 ވަނަ އަހަރުއެވެ. ސިންގަޕޫރުންވެސް ވަނީ "މަލާބާރު" ތަމްރީނުތަކުގައި ދާއިމީ ނޫން މެމްބަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. "މަލާބާރު" ތަމްރީނު ސްކޮޑްގެ އަދަދު 4 އަށް ބަދަލުވީ މިއަހަރުއެވެ. "މަލާބާރު" ތަމްރީނު ސިލްސިލާގެ 24 ވަނަ ތަމްރީނު ޕްރޮގްރާމް ނޮވެމްބަރު 3 ވަނަ ދުވަހު ފަށާނީ، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާ (އައިއެން)، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާ (ޔޫއެސްއެން) އަދި ޖަޕާނުގެ މެރިޓައިމް ޝެލްފް ޑިފެންސް ފޯސް (ޖޭއެމްއެސްޑީއެސް) ގެ އިތުރުން، މި އިއްތިހާދާ އެންމެ ފަހުން ގުޅުނު އޮސްޓްރޭލިއާގެ ރޯޔަލް ނޭވީ (ރޭން) އާއެކުގައެވެ.

"މަލާބާރު" ތަމްރީނުގައި މިފަހަރު އިންޑިއާއާއި އެމެރިކާ އަދި ޖަޕާނުގެ އިތުރުން އޮސްޓްރޭލިއާ ބައިވެރިވޭ / ފޮޓޯ: ކަޝްމީރު އޮބްޒާވާ

މައިގަނޑު 2 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ "މަލާބާރު" ތަމްރީނުގެ ފުރަތަމަ ބުރު، ނޮވެމްބަރު މަހުގެ 3 އިން 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު، ފުރަތަމަ ބުރުގެ ތަމްރީނުތައް ފަށާނީ، ވިޝާކާޕަޓްނަމްގެ ބޭރުން، ބޭ އޮފް ބެންގޯލް ސަރަހައްދުންނެވެ. މި ތަމްރީނުތަކުގައި ކަނޑުގެ އަސްކަރީ މަނަވަރުތަކުގެ އިތުރުން، ހެލިކޮޕްޓަރުތަކާ، ސަބްމެރީންތައްވެސް ބޭނުން ކުރާނެއެވެ.

"މަލާބާރު" ތަމްރީނުތަކުގެ 2ވަނަ މަރުހަލާ ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މެދަކާ ހިސާބުގައި ފަށާ ގޮތަށެވެ. މި މަރުހަލާ ކުރިއަށް ދާނީ އަރަބި ކަނޑުގެ ސަރަހައްދުގައެވެ.

2017 ވަނަ އަހަރުގެ "މަލާބާރު" ތަމްރީނުގެ ތެރެއިން - ފޮޓޯ: ސުވްރާޖްޔާ

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށް ގެންދާ މި އަސްކަރީ ތަމްރީނުތައް ފަރުމާ ކޮށްފައި ވަނީ "ނޮން-ކޮންޓެކްޓް" އުސޫލުންނެވެ. ތަމްރީނުތައް ކުރިއަށްދާނީވެސް ކަނޑުގެ ސަރަހައްދުގައި އެކަންޏެވެ. މި ތަމްރީނުތަކުގެ އަމާޒަކީ ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދެއްގައި ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކޮށް، ވަރުގަދަ ކުރުމެވެ.