ކޮވިޑްއާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލާފައިވާ ރ. އުނގޫފާރު އެ ހާލަތުން އާންމު ހާލަތަށް ބަދަލުކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، އުނގޫފާރުގައި ފުރަތަމަ ޕޮޒިޓިވްވި ކަމަށް ފެނުނު ކޭސް އިތުރަށް ޓެސްޓުކޮށް ބެލިބެލުމުން އޭނާގެ ނަތީޖާ ވަނީ ނެގެޓިވްވެފައި ކަމަށެވެ.

އެރަށް މޮނިޓަރިންގެ ހާލަަތަށް ލާފައި ވަނީ އުނގޫފާރު ކައިރީގައި އޮތް ހަދަމުންދާ ރަށެއް ކަމަށްވާ ކުޑަކުރަތުން 50 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނުމާއެކު އޭގެތެރެއިން ބައެއް މީހުން ބަލިވެގެން އުނގޫފާރު ހޮސްޕިޓަލަށް ދައްކަން ގޮސްފައިވާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލަށް ދައްކަން ދިޔަ ބައެއް މީހުން ވަނީ އުނގޫފާރުގެ ރެސްޓޯރަންޓް ތަކަށް ވެސް ގޮސްފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން އެރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެކްޓިވް ސާވެލަންސް ސާމްޕަލް ތަކެއް ދެފަހަރެއްގެ މަތިން އެރަށުން ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެގޮތުން ނެގުނު ހުރިހާ ސާމްޕަލް ތަކެއް ނެގެޓިވް ވުމުން މިހާރު މޮނިޓަރިންގެ ހާލަތުން އެރަށް ނަގައިފައި ވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.