ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި މުވައްޒަފަކު ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް ރޭ މަރުވި އިރު އާނާގެ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރަުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ރޭ މަރުވި އުމުރުން 60 އަހަރުގެ މީހާ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަނޑިންމަ ރިސޯޓުން މިއަދު ހެނދުނު ވަނީ އިތުރު ސާމްޕަލް ތަކެއް ނަގައިގެން ޓެސްޓު ކުރުމަށް މާލެ ގެނެސްފައި ކަމަށެވެ.

މީގެ އިތުރުން ކަނޑިންމަ ރިސޯޓަށް ދ. އަތޮޅު ހޮސްޕިޓަލުން ޓީމެއް ގޮސްގެން ބަލީގެ އަލާމަތް ހުރި މީހުން ދެނެގަނެ އިތުރު މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. އަދި މި ކޭސްއާ ގުޅިގެން ހަދާ ޓެސްޓު ތަކުގެ ނަތީޖާ ލިބޭ ވަރަކުން މައުލޫމަތު ހިއްސާ ކުރަމުން ދާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ރޭ 9:45 ހާއިރު އެވެ. މިކަން އެޗްޕީއޭއިން އިއުލާން ކުރީ މިރެއެވެ.