ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީންގެ ވޯކް ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ މި އިންތިޒާމް ހަމަޖައްސާފައި ވަނީ ވޯކް ވިސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން ވޯކް ވިސާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީޒާ ކެންސަލް ނުކުރެވިވާ ފަރާތްތަކަށް ކަމަށެވެ.

އެހެންކަމުން ވޯކް ވިސާ ފީ ދެއްކުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވޯކް ވިސާ ފީ ފޯމު" IM41 ފޯމު ފުރިހަމަ ކުރުމަށްފަހު، އިމިގްރޭޝަނަށް މެއިލް ކުރުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިމްގްރޭޝަނުން ބުނެއެވެ. އެގޮތުން ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމަށް މި މައުލޫމާތު ލުމާއެކު ފީ ދެއްކެމަށް ބޭނުންވާ މީހާގެ ރެކޯޑް ސިލެކްޓް ކުރުމުން ވިސާ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެ ސިސްޓަމުން ފެންނާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ، "މިސްލޭނިއަސް ވާރކް ވީޒާ ފީ ފޯމު" IM41 ހުށަހަޅާނީ، ވޯކް ވިސާ ފީ ދެއްކުމަށްފަހު ވިސާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމަށެވެ. އަދި އަޕްޑޭޓް ކޮށްފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކުމަށް ދީފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.