ބޯޑަރު ހުޅުވާފައި ނުވާ ގައުމުތަކަށް ނިސްބަތްވާ، ނުވަތަ ދިރިއުޅުން ހަމަޖެހިފައިވާ ބިދޭސީން ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި ވިސާ އާކުރުމާއި ރާއްޖެއިން ފުރައިގެން ދިއުމުގައި އަމަލު ކުރަންވީ ގޮތް އިމިގްރޭޝަނުން އާންމު ކޮށްފިއެވެ.

ކޮވިޑް-19ގެ ސަބަބުން، ވިސާ އާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް، މިއަހަރުގެ މާޗް މަހުން ފެށިގެން މިމަހުގެ ނިޔަލަށް އިމިގްރޭޝަނުން ވަނީ ލުއި ފަސޭހަ ގޮތްތަކެއް ތައާރަފު ކޮށްފައެވެ. އެގޮތުން ވިސާ ދޫކުރެވެން ނެތް ހާލަތްތަކުގައި "އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ" IM34 ފޯމު މެދުވެރިކޮށް ރާއްޖެއިން ފުރައިގެން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް އެ ފޯމު މެދުވެރިކޮށް ރާއްޖެއިން ފުރައިގެން ދިއުމަށް ބިދޭސީންނަށް ދިން މުއްދަތު ހަމަވުމާއެކު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންނަށް ރާއްޖެއިން ފުރައިގެން ދިއުމުގައި އަމަލު ކުރަން ޖެހެނީ ވަކި ގޮތަކަށެވެ. އެގޮތުން ވޯކް ވިސާ ނޫން ވިސާތަކުގައި ރާއްޖެ އެތެރެވެފައިވާ މީހުންނާއި، ވިސާ އާ ކުރެވެން ނެތް މީހުން އަމަލު ކުރަން ވީ ގޮތް ވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްވައެވެ.

އިމިގްރޭޝަނުން ބުނީ ވޯކް ވިސާ ނޫން ވިސާތަކުގައި ރާއްޖެ އެތެރެވެފައިވާ މީހުންގެ ވިސާގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު އިމިގްރޭޝަނަށް މެއިލް ކުރުމުން، އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

އިމިގްރޭޝަނަށް މެއިލް ކުރަން ޖެހެނީ:

  • އެމީހުން ނިސްބަތްވާ ގައުމެއްގެ ބޯޑަރު ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ މީހުން ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި ވިސާ އާ ކުރަން ޖެހޭ މީހުން.

މިފަދަ މީހުންނަށް ވިސާ އާ ކޮށްދެވޭނީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

  • ވިސާގެ މުއްދަތު މިއަހަރު މާޗް 19ގެ ކުރީގެ ތާރީހަކަށް ހަމަވެފައިވާ މީހުން.

އެއަށްފަހު މި މީހުން އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ހިއްސާ ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން ބުނީ މިފަދަ މީހުންނަށް ވިސާ ދޫކުރާނީ ނުވަތަ ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާ ދޭނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހު ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، ވޯކް ވިސާ ނޫން ވިސާތަކުގައި ރާއްޖެ އެތެރެވެފައިވާ މީހުން ވިސާގެ މުއްދަތު އިތުރުކުރުމަށް އެދި އަންނަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމުން ޖޫރިމަނާއަކާ ނުލާ އެކަން ކޮށްދޭނެ ކަމަށެވެ. އަދި ޑިސެމްބަރު 31 ވަނަ ދުވަހުގެ ފަހުން މެއިލް ކުރާ ފަރާތްތަކަށް ވިސާ ދޫކުރާނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހު ކަމަށް އިމިްގރޭޝަނުން ބުނެއެވެ.

"އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ" IM34 ފޯމު މެދުވެރިކޮށް ފުރުވާލެވޭ މީހުން

  • ވޯކް ވިސާގެ މުއްދަތު ހަމަވެ އާ ކުރެވެން ނެތް މީހުން
  • އެހެނިހެން ބާވަތްތަކުގެ ވިސާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ފަރާތްތަކުގެ ތެރެއިން، އެފަރާތަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު އާ ކުރެވެން ނެތް މީހުން

މިފަދަ ހާލަތްތަކުގައި، ރާއްޖެއިން ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ނަމަވެސް މި އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، ފުރިހަމަކޮށްފައިވާ "އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ" IM34 ފޯމު އިމިގްރޭޝަންގެ ޑިޕާޗާ ކައުންޓަރަށް ހުށަހެޅުމުންނެވެ. އަދި މިއާއެކު ބިދޭސީން ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލާސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އިިގްރޭޝަނުން ބުނެއެވެ.

"އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ" IM34 ފޯމު މެދުވެރިކޮށް ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހު 31 ވަނަ ދުވަހެވެ.