މިދިޔަ ހޯމަ ދުވަހު ރ. އުނގޫފާރުން ރެންޑަމް ސާމްޕަލް އަކުން ޕޮޒިޓިވް ވި މީހާގެ ކޭސް އަކީ ފޯލްސް ޕޮޒިޓިވް ކޭސްއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

އެޗްއީއޯސީން ބުނީ އުނގޫފާރުގައި ޕޮޒިޓިވްވި މީހާގެ ސާމްޕަލް އިތުރަށް ޓެސްޓް ކުރުމަށް ފަހު ނެގެޓިވް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ހަދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުން އުނގޫފާރަށް މީހުން ގޮސްފައި ވާތީ، އުނގޫފާރުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އެ ސެންޓަރުން ބުނީ ރައްކާތެރި ވުމުގެ ގޮތުން އެކްޓިވް ސަވެއިލަންސް ސާމްޕަލް ތަކުގެ ނަތީޖާ ލިބެން ދެން އުނގޫފާރު އޮންނާނީ މޮނިޓަރިން ހާލަތުގައި ކަމަށެވެ. ހަމަ އެއާއެކު، މިފަދަ ހާލަތެއްގައި އުނގޫފާރު އަދި އެ ސަރަހައްދުގެ ރަށްރަށުގެ ރައްޔިތުން ދެމުން ގެންދާ އެއްބާރު ލުމަށް އެޗްއީއޯސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

އުނގޫފާރުން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެފައި ވާކަން އެޗްއީއޯސީން އިއުލާން ކުރުމާ އެކު، އެރަށުގައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެއީ ފޯލްސް ޕޮޒިޓިވް ކޭސްއެއް ކަމަށް ނިންމި ނަމަވެސް މި ފިޔަވަޅުތައް ދެމި އޮންނާނެއެވެ.

ރާއްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި އުނގޫފާރުގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ސޫކުލުތައް ބަންދުކޮށްފައިވެއެވެ. އަދި އެރަށުގެ ރައްޔިތުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް އަންގާފައިވާއިރު، ގެއިން ބޭރަށް ނިކުންނައިރު މާސްކް އެޅުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ. އެރަށުގައި ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކައި ބޮއެ ހެދުން ހުއްޓުނު ނަމަވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް އަރާފޭބުން މަނާ ނަމަވެސް އުނގޫފާރަކީ އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލު ހުންނަ ރަށްކަމުން ކޮންމެ ދުވަހަކު ވެސް ސިއްހީ ހިދުމަތް ހޯދުމަށް އެރަށަށް ގިނަ ބަޔަކު ގޮސް ހަދާއިރު އެޗްޕީއޭގެ ހުއްދައާއެކު އެެރަށަށް އެރޭނެ ކަމަށް ވަނީ ނިންމާފައެވެ.

އުނގޫފާރުގައި ހުންނަ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދައެވެ. އަދި ކޮވިޑްގެ ހާލަތުގެ ސަބަބުން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތީ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެއެވެ.