ގަތަރުގެ މައި އެއާޕޯޓްގެ ފާހާނާއެއްގެ ތެރޭގައި، އަލަށް އުފަންވި ތުއްތު އަންހެން ކުއްޖަކު އެއްލާލާފައި އޮތް ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖު އާންމު ކޮށްފިއެވެ.

ހަމަދު އިންޓަނޭޝަނަލް އެއާޕޯޓްގައި އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ހިނގި ހާދިސާގެ ފުޓޭޖުން ފެންނަނީ، އެއާޕޯޓްގެ ފާހާނާ ތެރެއަށް ތުއްތު ކުއްޖާ އެއްލާލާފައި އޮންނަ ސަރަހައްދުގައި ޕެރަމެޑިކްސްއިން ހަރަކާތްތެރިވާ މަންޒަރެވެ. 1 މިނެޓް 17 ސިކުންތުގެ މި ފުޓޭޖުގައި ތުއްތު ކުއްޖާ އޮންނަނީ ނޫކުލައިގެ ފޮތިގަނޑަކަށް ލާފައެވެ.

މި ތުއްތު ކުއްޖާ ފެނިފައި ވަނީ ފާހާނާގައި ކުނި އަޅަން ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ހުރި ކުނިތަކެއްގެ އަޑިންނެވެ. އޭރު އެކުއްޖާ އޮތީ ޕްލާސްޓިކް ކޮތަޅަކަށް ލާފައެވެ.

ގަތަރުން ވަނީ މިހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަން ފަށާފައެވެ.

އެއާޕޯޓްގެ ފާހާނާ ތެރޭގައި، އަލަށް އުފަންވި ތުއްތު އަންހެން ކުއްޖެއް އެއްލާލާފައި އޮތް ހާދިސާއާއެކު، އެއާޕޯޓުން ވަނީ ވަގުތުން ވަގުތަށް ތަހުގީގެއް ހިންގަން ފަށާފައެވެ. އެގޮތުން އެ ވަގުތު ބޯޑު ކުރަން ހަމަޖެހިފައިވާ ފްލައިޓްތަކުގައި ތިބި އަންހެން ފަސެންޖަރުން އެކަހެރިކޮށް، ޖިންސީ ގުނަވަންތަކުގެ ތަހުލީލިތަކެއް ހަދާފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

އެފަދަ ޒާތީ ތަހުލީލުތަކެއް ކުރަނީ ކީއްވެކަންވެސް ބަޔާން ކުރުމަކާ ނުލާ ފަސެންޖަރުންގެ ބޮޑީޗެކަޕްތަކެއް ހެދި މައްސަލާގައި ގަތަރާ ދެކޮޅަށް އެންމެ ހަރުކޮށް އަޑު އުފުލަމުންދަނީ އޮސްޓްރޭލިއާއިންނެވެ. އޮސްޓްރޭލިއާގެ 13 ފަސެންޖަރަކަށް މި ކަމުގެ އަސަރު ކުރި ކަމަށް އޮސްޓްރޭލިއާއިން ބުނެއެވެ. އަދި މި މައްސަލާގައި ގަތަރާ ދެކޮޅަށް ދައުވާ އުފުލުމަށްވެސް އޮސްޓްރޭލިއާއިން ދަނީ ތައްޔާރު ވަމުންނެވެ.

ގަތަރުގެ ސަރުކާރުންވެސް ވަނީ މިފަދަ ގޮތަކަށް ތަހުލީލުތަކެއް ކުރެވިގެން ނުވާނެ ކަމަށް ބުނެ، އެ ކަންވެސް ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ.

އެއާޕޯޓަށް ތުއްތު ކުއްޖަކު އެއްލާލި މައްސަލާގައި އަންހެނަކު ހޯދަމުންދާއިރު، އެމީހާ ހޯދަނީ ގަސްތުގައި މީހަކު މަރާލަން އުޅުނު ކަމުގެ ޖިނާއީ ކުށުގައެވެ.

ތުއްތު ކުއްޖާ މިހާރު ބަލަހައްޓަމުންދަނީ ގަތަރުގެ ސޯޝަލް އަދި ހެލްތް ވޯކަރުންނެވެ.