ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގައި ދީނީ ތައުލީމު ފޯރުކޮށްދޭ މަދްރަސާއެއްގައި މިދިޔަ އަންގާރަ ދުވަހު ބޮމުގެ ވަރުގަދަ ހަމަލާއެއް ދިން ތަން ސާފުކޮށް، އެ ހާދިސާގައި މަރެވެދިޔަ މީހުންގެ ޖަނާޒާ އެ ތަނުގައި ބޭއްވީ، މިފަދަ ހަމަލާއަކުން ބަލި ނުކުރެވޭނެކަން އަންގައި ދިނުމުގެ ގޮތުން ކަމަށް، މުއައްޒިން، ހާފިޒު ނަވީދު ބުނެފިއެވެ.

އަންގާރަ ދުވަހުގެ ހަމަލާ އަމާޒުވީވެސް މަދްރަސާގައި ނަމާދު ކުރަން ހާއްސަކޮށްފައިވާ ހޯލަށެވެ. ހަމަލާ ދީފައިވަނީ މަދްރަސާގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކީރިތި ޤުރުއާން ކިޔަވަން ހާއްސަ ކޮށްފައި ވާ ވަގުތުގައެވެ. މި ހަމަލާގައި 8 މީހެއްގެ ފުރާނަ ގެއްލުނުއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 40 އަހަރުގެ ޒުވާނުން ކަމަށް ޚަބަރު ލިބެއެވެ. ބޮމުގެ ހަމަލާގައި 80 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާއިރު، މީގެ ތެރޭގައި ގިނައީ ކުޑަ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

ހަމަލާ އަމާޒުވި ހޯލު ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަދްރަސާގެ މުވައްޒަފުންނެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ ސީންއިން ފުލުހުން ނަގަންޖެހޭ ސާމްޕަލްތައް ނެގުމުން ކަމަށްވެއެވެ.

ޕާކިސްތާނުގެ ޕެޝާވަރުގައި 27 އޮކްޓޯބަރު، 2020 ގައި ބޮމުގެ ހަމަލާ ދިން މަދްރާސާ ސާފު ކުރަނީ / ފޮޓޯ: ގެޓީ އިމޭޖަޒް

މަދްރަސާގެ މުއައްޒިންކަން ކުރަމުން އަންނަ ހާފިޒު ނަވީދު ބުނީ ހަމަލާ ދިން ސަރަހައްދުގައި ބަންގި ގޮވާ، ނަމާދު ކުރަން ފެށީ ހިތްވަރު ނުގެއްލޭނެކަން އަންގައި ދިނުމަށް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު، ނަމާދުގެ ޖަމާއަތުގައި ބައިވެރިވިކަންވެސް އޭނާ ވަނީ ފާހަގަކުރެއެވެ. ހާފިޒު ނަވީދަކީވެސް ހަމަލާ އަމާޒުވި މަދްރަސާގެ ދަރިވަރެކެވެ.

ސޯޝަލް މީޑިއާގައި މަންޒަރު ހިއްސާކުރަމުންދިޔަ މީހުން ބުނެފައި ވަނީ، އެ ތަނުގައި ނަމާދު ކުރުމަކީ ޓެރަރިޒަމްއާ ދެކޮޅަށް، ދިފާއަށް ތެދުވުމުގެ އަމަލެއް ކަމަށެވެ. މިއީ ބައެއްގެ ހިތްވަރު ކަމަށާ، މިއީ އިސްލާމުން ކަމަށާ، އިސްލާމުންނަކީ ބަލި ކުރެވޭނެ ބައެއް ނޫން ކަމަށްވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ހައްދުފަހަނައަޅާ ދިއުމާ ނުރައްކާތެރި ހަމަލާ ބަދަލުކުރުންތައް ދިގުލާ ގޮސްފައިވާ ޕެޝާވަރު ސިޓީގެ ދީނީ މަދްރަސާގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ، އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.