ގައުމު ރަނގަޅު ހާލަތަކަށް ގެންދިއުމަށް ފަރުދީ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. އެގޮތުން މާތް ނަބިއްޔާގެ އީދު މީލާދުގެ ވަސްމީރު ހަނދާންތައް އާކުރާ މަތިވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނުގެ ހިތުގެ އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވެވިއެވެ. ހަމައެފަދައިން އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަހުންނާއި އުހުތުންނަށް ވެސް މި މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރެއްވިއެވެ،

މިދުވަހަކީ މުޅި އިންސާނިއްޔަތާ ބައްދަލުކުރި އެންމެ އުފާވެރި އަދި އެންމެ ހެޔޮ މުނާސަބަތުގެ މަތިވެރި ހަނދާންތައް އާކުރާ ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެންދިޔަ ގޮތް ހަނަދާން ކުރައްވާ ކަމަށާ މިރާއްޖެ ވެސް މުޅިން އާ ސަފްހާއަކުން ދިވެހި ގައުމީ ޝަހްސިއްޔަތުގެ ތާރީހު ލިޔަން ފެށީ ދިވެހިން އެއްކައުވަންތަކަމުގެ އަގީދާ ގަބޫލުކޮށް، އިސްލާމް ދީނުގެ ހިދާޔަތު ލިބިގަތުމާއެކުގައި ކަމަށް އެމަނިކުފާނު ފޮނުއްވި ހިތާބުގައި ވެއެވެ.

"ދެދުނިޔެއަށް ކައުކުރެއްވި އެންމެ މަތިވެރި ސާހިބާގެ ސީރަތުން، އަޅުގަނޑުމެންނަށް ފެންނަ އެންމެ މަތިވެރި ނަމޫނާއަކީ، މީސްތަކުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމާއި، އަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަ. ހަމައެފަދައިން، އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ހާލަތްތަކުގައި ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތައް. ވަކިން ހާއްސަ ގޮތެއްގައި އާއިލީ ގުޅުންތައް ބަދަހި ކުރުމާއި، އަނެކުންނަށް މައާފްކުރުމާއި ހިތްހެޔޮކަމާއެކު މުއާމަލާތުކުރުމުގެ އަހްލާގީ ނަމޫނާތައް"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދީނީ ވާޖިބުތަކަށް ފަރުވާތެރިވާ ފަދައިން، ދުނިޔަވީ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމަކީ، ސީރަތުން ލިބިދޭ އެންމެ މުހިއްމު ފިލާވަޅު ކަމަުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖެވެސް މިއަދު މިއޮތީ، މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށްޓަކައި ކޮންމެ ރައްޔިތެއްގެ ފަރުދީ ބައިވެރިވުމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށް ވެސް ރައިސް ވިދާޅުވިއެވެ. އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން، ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނީ އިސްލާމީ ދައުލަތް ފެށިގެން އައިއިރު އެ ދައުލަތް ބިނާކުރުމަށްޓަކައި މުސްލިމުން ދެއްކި ފަދަ ހިތްވަރުގަދަ ކަމާ މަސައްކަތްތެރިކަމުގެ ނަމޫނާއެއް އެންމެންގެ ފަރާތުންވެސް ފެނިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ، އެންމެންގެ މެދުގައި އިޖުތިމާއީ އަދާލަތު ގާއިމުކޮށް، ހަމަޖެހުމާއި ސުލްހަ މަސަލަސްކަންމަތީ ދެމިތިބުމަށްޓަކައި ކޮންމެ މީހެއްގެ ކިބައިގައި ހަރުލައްވަންޖެހޭ މުހިއްމު ސިފަތަކެއް ކަމަށް ރައީސް ވިދާލުވިއެވެ. މިފަދަ މަތިވެރި ޒިކުރާއެއް އާކުރާއިރު، ގަދައަޅައި މަސައްކަތް ކުރަންވީ އިތުރު އެކަލޭގެފާނުގެ ވަސްމީރު ޒިކުރާއިން ލިބިދޭ ފިލާވަޅުތަކުން ދުނިޔަވީ ހަޔާތުގެ އާބާތުރަ ފިލުވައި އެކަލޭގެފާނުގެ މަތިވެރި ރިސާލަތަށް ފުރިހަމައަށް ތަބާވާ ބަޔަކަށް ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެކަލޭގެފާނު ދެއްކެވި މަތިވެރި ނަމޫނާތަކުން ދެދުނިޔޭގެ ބާއްޖަވެރިކަން ހާސިލުކުރުމަށްޓަކައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ފޮނުއްވި ހިތާބުގައި ވަނީ މާތް اللهُ ގެ އެއްކައުވަންތަކަމުގެ އަގީދާގައި އެންމެންގެ ހިތްތައް ސާބިތުކުރައްވާ މާތް ނަބިއްޔާގެ މަތިވެރި ސީރަތުން ދެދުނިޔޭގެ ކާމިޔާބަށް މަގު ދެއްކެވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށެވެ. ދިވެހިރާއްޖެއަށާ މުޅި އިސްލާމީ އުންމަތަށް ފާގަތިކަމާ ތިޔާގިކަމާ ދުޅަހެޔޮކަން ދެއްވާ، ސުލްހަ މަސަލަސްކަމާއި އަހުވަންތަކަމުގައި އުޅުމުގެ ހެޔޮ ތައުފީގު ދެއްވުމަށެވެ.