ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއްގެ ގޮތުގައި ހިންގާ "ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި ވަނީ އެދިފައެވެ. އެކަމާ ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ މި މައްސަލާގައި ދެ އަޑުއެހުމެއް ބާއްވާފައެވެ.

އެގޮތުން މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސަން ފިޔާޒް މޫސާ އާއި ޑިފެންސް މިނިސްޓްރީއާއި ދެމެދު ބޭއްވުނު ސިއްރު ބައްދަލުވުމުގައި މި މައްސަލައާއި ގުޅިގެން މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ގާނޫނީ ހުއްޖަތެއް ޑިފެންސުން ހިއްސާކޮށްފައިވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ވިދާޅުވިއެވެ. އަދި މި ގާނޫނީ ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތެއް ކަމަށާ މި މައުލޫމާތަކީ ހިއްސާކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އައިކޮމްއިން ނިންމިއެވެ.

އެހެން ނަމަވެސް މި ނިންމުމާމެދު ދިޔަރެސް އިން ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރާ ޑިފެންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ފުރަތަމަ އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ ކުރީކޮޅު ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. އެ އަޑުއެހުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ޑިފެންސް މިނިސްޓްރީން އުޒުރުވެރިވެ، އަދި އެ ސިފައިންގެ އަދަދު ހާމަ ކުރުމަކީ އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަމެއް އައިސްދާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ސިފައިންގެ އަދަދު ހާމަ ނުކުރެވޭ ސަބަބު ޑިފެންސް މިނިސްޓްރީން އެރު ސާފުކޮށް ނުދެވޭތީ އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ އެ މައުލޫމާތު ހިއްސާ ކުރުމަށް ޑިފެންސް މިނިސްޓްރީން ވަޑައިގެން ހުންނެވި ބޭފުޅަކީ އެ މައްސަަލައިގައި ޖަވާބު ދާރީ ވެވޭނެ ބޭފުޅެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ.

ރާއްޖޭއަށް ކުރިން ގެނައި ހެލިކޮޕްޓަރުތަކާއެކު އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެ އިތުރުން އިންޑީއާ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގާ ތަމްރީންތަކުގައި ވެސް ރާއްޖެއަށް އިންޑިއާ ސިފައިން އައިސް ވަނީ ހަރަކާތްތެރިވެފައެވެ.