ކުރީގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކުގެ ރާގު ބަދަލުވެއްޖެއެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިއަދު އެ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނި ނުދެއްކޭނެ ކަމަށް ރާއްޖޭން ސާފުކޮށް ބުނުމުން، ކޮމާޝަލް ބޭންކުތަކަށް އޮންނާނީ ދެ ގޮތެއް ކަމަށެވެ.

އެގޮތުން އެއް ގޮތެއް ކަމަށް ފާހަގަ ކުރެއްވީ މުދާ ބަލާ އައުމެވެ. ނަމަވެސް ޗައިނާއިން މުދާ ބަލާ ނާންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޭންކްތަކަށް މިއޮތީ ދެ ގޮތް. އެއްގޮތަކީ ހަރުމުދާ އަނބުރާ ދޭށޭ. އެ ބަލާ އައުން. ދެން އަޅުގަނޑު ދެކޭ ގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުސަތެއް އަދި މި ވަގުތަކު އެއީކީއެއް ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ. ދެން އެއީ މި ޒަމާނުގައި ގައުމުތަކުން ދެކޭ ގޮތެއް ވެސް ނޫން
ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނޫން މަގެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައިވާރު، މީގެ ކުރިން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން އައިސްފައި ވަނީ ކުރީގެ ސަރުކާރުގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ޗައިނާ އިން ނަގާފައިވާ ލޯނުތަކަކީ ދަރަނީ ދަންތުރައެއް ކަމަށާއި، އެ ލޯނުތައް އަނބުރާ ނުދެއްކި، ދިވެހި ރަށްތައް އަތުލާނެކަމަށެވެ.