ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ދޯންޏަށް އެރި މައްސަލައިގާ މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެއްސާއެކު އެރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތިން ދިވެހިން ފިރިހެނުން ރޭ ހައްޔަރު ކޮށްފައި ވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނެފައި ވަނީ މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑި އަށް ކައިރި ކުރަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާ ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އަރާފައި ވަނީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ނަަމަކަށް ކިޔާ ދޯންޏަށެވެ. ދޯންޏަށް އެރި މީހުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް 30 ވަރަކަށް މީހުން އެެކި ހަތިޔާރާ އެކު ދޯންޏަށް އަރާފައި ވާ ކަމަށް އެ ދޯންޏާ ހަވާލާދީ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.