ރ. އުނގޫފާރުގެ ސްކޫލްތައް ބަންދުކޮށް ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެޓޯލް ކްލަސްޓާގެ އޮފިޝަލު އަބްދުﷲ މައުރޫފް ވިދާޅުވީ، އުނގޫފާރުން ނެގި ރެންޑަމް ސާމަޕްލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށުގެ ސްކޫލްތައް ބަންދުކޮށްފައިވާ ކަމަށެވެ.
އެ ރަށް މިއަދު މޮނިޓަރިންއަށް ވަނީ ލާފައެވެ. އެއާއެކު އެރަށުގެ ރައްޔިތުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ބޭރަށް ނުދިއުމަށާ ގެއިން ބޭރަށް ނިކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
އަދި ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކައި ބޮއެ ހެދުން ހުއްޓުނު ނަމަވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އުނގޫފާރަކީ އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލު ހުންނަ ރަށްކަމުން ކޮންމެ ދުވަހަކު ވެސް ސިއްހީ ހިދުމަތް ހޯދުމަށް އެރަށަށް ގިނަ ބަޔަކު ގޮސް ހަދާއިރު އެޗްޕީއޭގެ ހުއްދައާއެކު އެެރަށަށް އެރޭނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
އުނގޫފާރުގައި ހުންނަ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދަ އެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތީ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެއެވެ.