ރ. ކުޑަކުރަތުން ކޮވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު 57 އަށް އަރާފައިވާ ކަމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ސްޕޯކްސް ޕާސަން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެރަށުގައި 21 އަދި 22 އޮކްޓޯބަރުގައި 89 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް 57 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީން ބުނެފައި ވަނީ އެންމެ ފުރަތަމަ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވަނީ އަލާމާތް ހުރި މީހުން ފެނިގެން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އޭގެ ތެރެއިން ހަތަރު ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށާ އިއްޔެ 52 ކޭސް ޕޮޒިޓިވްވެފައިވާ ކަމަށާ މިއަދު އިތުރު 1 މީހަކު ޕޮޒިޓިވްވެ ޖުމްލަ މިހާރު 57 ކޭސް އެރަށުން ފެނިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. އޭގެ ތެރެއިން އެކަކު މިވަގުތު ހުރީ ބ. އޭދަފުށީ ކޯވިޑް-19 ފެސިލިޓީގައި ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،532 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،563އަށް އަރާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 23 ރަށެއްގައެވެ. އަދި 26 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 29 ފަތުރުވެރިންނާއި 83 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.