ޕްރޮސެކިއުޓާ ޖެރަލް އޮފީހުން ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ ދެކޮޅަށް ކުރި ދައުވާއަށް ރައްދު ދެއްވަމުން، ކޮންމެ ދައުވާއެއް ކުރިއަސް ކެރިގެން ކުރިމަތިލައްވަނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، އަދުރޭގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. ޕީޖީން އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ ހަޑިހުތުރު އެއްޗެހި ވިދާޅުވުމާއި ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، މި ސަރުކާރުން އޭނާއާ ދެކޮޅަށް ކިތަންމެ ވަރަކަށް ދައުވާ ކުރިއަސް މި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކެވުން ހުއްޓާ ނުލައްވާނެ ކަމަށެވެ. ކޮންމެ ދައުވާއެއް ކުރިއަސް އެކަމާ ކެރިގެން ކުރިމަތިލައްވަނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅޫ ޕާޓީގެ ފަރާތުން މިކަން ސިފަ ކުރަނީ އެ ޕާޓީގެ ބޭފުޅުންނަށް އިންޒާރު ދިނުމުގެ ގޮތުން މި ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގައެވެ. އަދި މި އަމަލަކީ އިދިކޮޅުން އުފުލަމުންދާ އަޑު ކަނޑުވާލަން ސަރުކާރުން ކުރި ކަމެއް ކަމަށާއި އަދި އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް އިދިކޮޅުން ބުނެއެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ވެސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައި ވެއެވެ.