ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެ ރަށުން ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށާ މިވަގުތު ރަށް އޮތީ މޮނިޓަރިންގައި ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ އިތުރު ތަފްސީލު ދޭނެ ކަމަށް ވެސް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ގާތްގަނޑަކަށް 80 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެ ތެރެއިން ނަތީޖާ ލިބުނު މީހުންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ.
މީގެ ކުރިން ވެސް އުނގޫފާރުގައި ހޯމް ކަރަންޓީނުގައި ތިބި ދެ ޑޮކްޓަރު ޕޮޒިޓިވްވި އެވެ. އެކަމަކު މިއީ ރެންޑަމް ސާމްޕަލަކުން އެރަށުގައި މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އުނގޫފާރަކީ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދަ އެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތޯ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެ އެވެ.