ބޮލީވުޑް ސިނާއަތުގެ އުފެއްދުންތައް ލޯބިކުރާ މީހުންނާ އެ ސިނާއަތަށް ބީރައްޓެހި ގިނަ ބައެއްގެ ހިތްތަކުން އަދިވެސް ޖާގަ ހޯދާފައިވާ 2007 ވަނަ އަހަރުގެ ފިލްމު "ޖަބް ވީ މެޓް" ރިލީޒް ކުރިތާ މިއަދަށް 13 އަހަރު ފުރުނު އިރު، ފިލްމުގެ ސީކުއަލް އަކާ ބެހޭ ގޮތުން، ޑައިރެކްޓާ އިމްތިޔާޒު ޢަލީ ވާހަކަދައްކައިފިއެވެ.

އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ، ޓައިމްސް އޮފް އިންޑިއާއަށް ދީފައި ވާ އެކްސްކްލޫސިވް އިންޓަވިއުއެއްގައި، "ޖަބް ވީ މެޓް"ގެ ސީކުއަލްއެއް ފެނިދާނެތޯ ސުވާލު ކުރުމުން އިމްތިޔާޒު ޢަލީ ބުނީ، އެކަން ވާން ނެތް ކަމަށެވެ. އަދިއްތިޔާ (ޝާހިދު ކަޕޫރު) އަދި ގީތު (ކަރީނާ ކަޕޫރު) ގެ ވާހަކައަށް ދެން އިތުރު ކުރާނީ ކޯއްޗެއްކަމެއް ޚުދު އޭނާއަށްވެސް ނޭނގޭ ކަމަށް އިމްރާން ޢަލީ ބުންޏެވެ.

ގީތުއާއި އަދިއްތިޔާގެ އެއްމާބަނޑު ދެ ދަރިންނާއެކު ދިރިއުޅުން ކުރިއަށްދާ ގޮތް ދޫކޮށްލާނީ ފިލްމުގެ ފޭނުންގެ ހިޔާލަށް ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

އަދުގެ ޒުވާން ތަރިންނާއެކު "ޖަބް ވީ މެޓް" އަށް މިފަދަ ފުރިހަމަ ކަމެއް ގެނެސްދެވިދާނެ ތޯ ސުވާލު ކުރުމުން އިމްތިޔާޒު ޢަލީ ވަނީ، ޝާހިދު ކަޕޫރާއި ކަރީނާ ފިޔަވާ އިތުރު މީހަކު ހިޔާލަށް ނުގެނެވޭ ކަމަށް ބުނެފައެވެ.

ނުވާނެ ކަމަށް ބަލާ ދޫކޮށްލަން އުޅުނު ފިލްމް "ޖަބް ވީ މެޓް"ގެ މަސައްކަތްތައް ނިންމާ، އާންމުންނަށް ދޫކޮށްލި ފަހުން އަދާ ޖެހުނުއިރުވެސް މިއީ ގިނަ ބަޔަކު، އެ ފިލްމަކަށް ތައުރީފު ކުރަމުން އަންނަ ފިލްމެކެވެ.