އެމްޑަބްލިޔުއެސްސީ ގެ 20 މުވައްޒަފަކު "ޑްރިންކިން ވޯޓާ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް" ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފިއެވެ.

އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު އެމްބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިން ގައި ބޭއްވި ހާއްސަ ރަސްމީޔާތެއްގައި މިނިސްޓާ އޮފް އެންވަޔާރަމަންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އެ ރަސްމީޔާތުގައި އެންވާރަމެންޓް މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަދި އެމްޑަބްލިޔުއެސްސީގެ އިސް ފަރާތްތަކެއް ބައިވެރިވެފައިވެއެވެ.

އެ ކޯހަކީ ފެނުގެ ނިޒާމްތައް ހިންގާ ބަލަހައްޓަމުން ގެންދާ ޔޫޓިލިޓީ ކުންފުނިތަކުގެ ކަމާ ގުޅޭ ދާއިރާތަކުގެ މުވައްޒަފުން އެކަމަށް އިތުރަށް އަހުލުވެރިކޮށް އަދި އެދާއިރާތަކަށް ބޭނުންވާ ފެންވަރު ރަނގަޅު މުވައްޒަފުން ބިނާކުރުމަށްޓަކައި އެންވާރަމަންޓް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ގޮތަށް އެމްޑަބްލިޔުއެސްސީ އާއި އެމްއައިޓީ ގުޅިގެން ތައާރަފް ކޮށްފައިވާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެކޯސް ހިންގާފައިވަނީ ނޮވެމްބަރު 15 2019 އިން މާރިޗް 2، 2020ގެ ނިޔަލަށް އެމްއައިޓީ އިން ކަމަށެވެ. އެ ކޯހުގައި އެމްޑަބްލިޔުއެސްސީ ގެ ފަރާތުން އޮޕަރޭޓަރުންނާއި ލެބޯޓަރީގައި މަސައްކަތް ކުރާ ޓެކްނީޝަނުން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން، އެކުންފުނީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފެނުގެ ނިޒާމް ގާއިމް ކޮށްފައިވާ ރަށްތަކުގެ ތެރެއިން ގްރޭޓާ މާލެ ރީޖަން، ކ.މާފުށި، ރ.ދުވާފަރު، ހދ.ކުޅުދުއްފުށި ހިމެނޭ ގޮތުން ޖުމުލަ 20 އޮޕްރޭޓަރުން އެ ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެކުންފުނީގެ އަމާޒަކީ، ކުރިޔައް އޮތް ތަނުގައި ފެނާއި ނަރުދަމާގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ އެކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް އެފަދަ ކޯސްތައް ފުރިހަމަ ކޮށްފައިވާ ކަމުގެ ތަޖުރިބާއާ ތައުލީމީ ގާބިލުކަން ހުރި ފަރާތްތަކަކަށްވުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.