ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަން ކުށްވެރިކޮށް، މިނިސްޓަރު އިމްރާނަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީ ފޮނުވާފައި ވަނީ ސަފަރީގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކެންޔާ އަންހެން މީހާ، ޕޯލިން ޑުޓާ ގެޝޮރޯ ތަމްސީލު ކުރާ ލޯ ފާމް، ރިޒާ އެންޑް ކޯ އިންނެވެ.

ވަކީލުންގެ ސިޓީގައި ބުނީ، މި މައްސަލައިގެ ތަހުގީގަށް ޕޯލިން މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް އޭނާ މަރާލާނެ ކަމަށް ބިރުދައްކައި، އޭނާގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އޭނާއަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާން އެބައޮތް ކަމަށެވެ.

އެހެންކަމުން މި ހާދިސާއަކީ، އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށާ، ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ޕޯލިން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށެވެ. އަދި އެއްވެސް ކަމަކަށް ނުވާ މޭރުމުން މިނިސްޓަރު އިމްރާން ވާހަކަ ދައްކަވާފައި ވާތީ، ތަހުގީގު އިދާރާއާ ހަވާލުވެ ހުންނަ ވަޒީރުގެ މަގާމުގެ ޒިންމާއަކީ ކުށް މަދުކުރުމާއި، ކުށުގެ އަނިޔާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރުން ކަން މިނިސްޓަރު އިމްރާނަށް އެއްވެސް މިންވަރަކަށް ފަހުމްވެ ވަޑައި ނުގަންނަވާ ކަމަށް ވެސް ވަކީލުންގެ ސިޓީގައި ވެއެވެ.

މިނިސްޓަރު އިމްރާން ވާހަކަ ދައްކަވާފައި ވަނީ އާންމުންނަށް ހަގީގަތް އޮޅި، މައްސަލާގައި ތުހުމަތުވާ ފަރާތްތައް ކުށުގެ ޒިންމާއިން ބަރީއަވާ ގޮތަށް ކަމަށް ވަކީލުންގެ ސިޓީގައި ވެއެވެ. އެ ސިޓީގައި ބުނީ މިނސްޓަރު އިމްރާން މި މޭރުމުން ވާހަކަ ދައްކަވަފައި ވާތީ، މި މައްސަލަ އިންސާފުވެރި ކަމާއި އަދުލުވެރިކަމާ އެކު ތަހުގީގު ކުރެވޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

ހަމައެއާއެކު، މިނިސްޓަރު އިމްރާންގެ ގާބިލް ކަމާއެކު ސުވާލު އުފައްދާ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބެލުމަށާއި، މަޖިލީހަށް ލިބޭ ބާރުގެ ތެރެއިން މިނިސްޓަރު އިމްރާނަށް ފިޔަވަޅު އަޅައިދިނުމަށް ވެސް ވަކީލުންގެ ސިޓީގައި އެދިފައިވެއެވެ.

މިނިސްޓަރު އިމްރާން އެފަދައިން ވިދާޅުވެފައި ވާއިރު، ޖުލައި މަހު އެކަމަށް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަންހެން މީހާ ދަންވަރު މޫދަށް ފުންމްލާނީ ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި ވުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވަނީ ވިދާޅުވެފައެވެ.

ޖޫން މަހު ކުރިމަތިވި އެ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ އުފުލޭ ފަދަ ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވީ ނަމަވެސް އޭގެ ފަހުން މިހާރު އެތައް މަހެއް ފާއިތު ވީ އިރު ވެސް، ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރު ކުރީ 2 މީހުންނެވެ. އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުން ދާ ވާހަކައާ ގުޅުވައިގެންނެވެ. ފުލުހުން ބުނީ އެކަމުގައި ޝާމިލްވާ މީހުންގެ ވަނަވަރު ހާމަ ނުކުރަނީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.