މިހާރު މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބަލަން ކުރިއަށް ގެންދާ އެންޓިބޮޑީ ސާވޭ އަށް އެއްބާރުލުން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްސަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާލޭގައި ކުރިއަށް ގެންދާ އެންޓިބޮޑީ ސާވޭއަށް އެކަށީގެންވާ ގޮތަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. އެހެންކަމުން ވަރަށް ބޮޑަށް އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެންޓިބޮޑީ ސާވޭގެ ތެެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އެމީހަކު ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި އެކި އުމުރުފުރާގެ ތެރެއިން ރެންޑަމްކޮށް ބައިވެރިން ހޮވައިގެން ސާވޭކުރިއަށް ގެންދާއިރު ޑރ. ނަޒްލާ ވަނީ ސާވޭގައި ބައިވެރިވުމަށް މެސެޖްކުރުމުން ސާމްޕަލް ނެގުމަށް ދިއުމަށް އެދިލައްވާފައެވެ.
އެ ޓެސްޓުން މީހަކު ޕޮޒިޓިވްވެއްޖެނަމަ އޭގެ މަނާއަކީ އެމީހަކަށް ކުރިން ބަލި ޖެހިފައިވާ ކަމަށެވެ. އަދި ނެގެޓިވް ވެއްޖެނަމަ އޭގެ މާނައަކީ ބަލި ޖެހިގެން އެމީހަކަށް އިމުއިނިޓީ ނުލިބޭކަން ކަމަށާއި އަދި އެންމެ ގާތީ އެމީހަކަށް ބަލި ނުޖެހޭކަން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން މާލެ ސަރަހައްދުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވަނީ އެންޓި ބޮޑީ ޓެސްޓު ހަދާފައެވެ. އޭގެ އިތުރުން އެންޓިބޮޑީ ޓެސްޓުކޮށްގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ބަލާފައެވެ. އެގޮތުން އޭރުގެ ނަތީޖާ ތަކުން ދައްކަނީ ޓެސްޓުކުރި މީހުންގެ 75 ޕަސަންޓް މީހުންނަށް ބަލި ޖެހި ރަނގަޅުވެފައިވާ ކަމަށެވެ.
ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.
ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓް އަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.