ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 33 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 45 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި ހިމެނެނީ، 20 ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 9 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11391 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 45 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،428 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 919 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 38 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 329 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީޙުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. އޭގެ ތެރެއިން 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރުން ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 21 ރަށެއްގައެވެ. އަދި 23 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 22 ފަތުރުވެރިންނާއި 34 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.