މިއަދު މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރަކީ ގުދުރަތީ މަރެއްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މިވަގުތު ހަށިގަނޑު މޯޗަރީގައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި ޒަހަމް ހުރި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ލިބިފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަު ކޮށެއް ނުދެއެވެ. އަދި މަރުވެފައި އޮތް މީހާގެ އާއިލާގެ މީހަކާ ގުޅިފައި ނުވާތީ އެކަން ސާފުވާ ގޮތް ވަނީ ނުވެފައެވެ.

މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާ މޫދުގައި އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮވިޑުގެ މި ދުވަސްވްރު މޫދުގައި ގިނަ މަރުތަކެއް ހިނގާފައި އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވެސް ވެފައި ވެއެވެ.